ކުޅިވަރު

ވޯލްޑްކަޕްގެ ޕްލޭއޯފަށް ސީޑްކުރީ އިރާގާއި ކޮންގޯ އަދި އިޓަލީ


އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފަހު ހަ ޖާގަ އަށް ވާދަކުރާ 22 ގައުމުގެ ތެރެއިން ގަދަ ހަ ގައުމު ސީޑްކޮށްފިއެވެ.

48 ގައުމު ބައިވެރިކޮށްގެން ބާއްވާ ވޯލްޑް ކަޕުގެ ފަހު ޖާގަ ލިބޭ ގައުމުތައް ކަނޑައަޅާނީ ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ފެއިލްވި ގައުމުތަކުގެ މެދުގައި އިންޓަކޮންޓިނެންޓަލް ޕްލޭއޯފް މުބާރާތްތަކެއް ކުޅެގެންނެވެ. މި ގޮތުން ޔޫރަޕުގެ ގައުމުތައް ވާދަކުރާނީ ވަކިންނެވެ. އެހެން ބައްރުތައް ވާދަކުރާނީ ވަކި މުބާރާތެއްގަ އެވެ.

ޔޫރަޕުގެ ޕްލޭއޯފް ކުޅޭނެގޮތް:

ޔޫރަޕުގެ ޕްލޭއޯފް މުބާރާތުގައި ވާދަކުރާ 16 ގައުމު ބަލާހާފައިވަނީ ހަތަރު ގްރޫޕަކަށެވެ. މި ހަތަރު ގްރޫޕަށް ސީޑްކޮށްފައިވަނީ އިޓަލީ އާއި ޑެންމާކް އަދި ތުރުކީ އާއި ޔުކްރޭނެވެ. މި ޓީމުތައް ސެމީ ފައިނަލުގައި ވާދަ ކުރާނީ 16 ޓީމު ހަތަރު ކެޓަގަރީއަކަށް ބަލާއިރު އެންމެ ދަށް ކެޓަގަރީގައިވާ ހަތަރު ގައުމުގެ ތެރެއިން ގައުމަކާ އެވެ. އެއީ ސްވިޑްން އާއި ރޫމޭނިޔާ އާއި އުތުރު މެސެޑޯނިއާ އާއި އުތުރު އަޔަލޭންޑެވެ.

ސެމީ ފައިނަލުގައި ދެން ވާދަ ކުރާނީ ދެ ވަނަ ކެޓަގަރީގައިވާ ގައުމުތަކާއި ތިން ވަނަ ކެޓަގަރީގައިވާ ގައުމުތަކެވެ. ދެ ވަނަ ކެޓަގަރީގައި ހިމެނެނީ ޕޮލެންޑާއި ވޭލްސް އާއި ޗެކް ރިޕަބްލިކާއި ސްލޮވާކިޔާ އެވެ. މި ހަތަރު ގައުމު ނުކުންނާނީ ތިން ވަނަ ކެޓަގަރީގައިވާ ހަތަރު ގައުމުގެ ތެރެއިން ކޮންމެވެސް އެއް ގައުމަކާ ދެކޮޅަށެވެ. އެއީ އަޔަލޭންޑާއި އަލްބާނިއާ އަދި ބޮސްނިޔާ އާއި ކޮސޯވޯކުރެ ގައުމަކާ ދެކޮޅަށެވެ.

ވޯލްޑް ކަޕަށް ކޮލިފައިވާނީ ކޮންމެ ގްރޫޕެއްގެ ވެސް ސެމީ ފައިނަލުން މޮޅުވާ ދެ ގައުމު ފައިނަލްގައި ކުޅެ މޮޅުވާ ގައުމެކެވެ.

ބާކީ ދެ ޖާގަ ލިބޭނީ ކޮން ބަޔަކަށް؟

ޔޫރަޕް ފިޔަވައި އެހެން ބައްރުތަކުގެ ގައުމުތައް ވާދަ ކުރާނީ ވަކި މުބާރާތެއްގަ އެވެ. މި ގޮތުން ކޮލިފައިން މުބާރާތަށް ހޮވުނު ހަ ގައުމު ވަނީ ދެ ގްރޫޕަކަށް ބަލާހައިފަ އެވެ. މި ގައުމުގެ ތެރެއިން ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައިވާ ދެ ގައުމު ވަނީ ކޮންމެ ގްރޫޕެއްގެ ވެސް ފައިނަލަށް ގެންގޮސްފަ އެވެ. އެއީ އޭޝިޔާ އަށް ނިސްބަތްވާ އިރާގާއި އެފްރިކާ ސަރަހައްދުގެ ޕްލޭއޯޕް މުބާރާތް ކާމިޔާބު ކުރި ކޮންގޯ އެވެ.

ފައިނަލުގައި މި ދެ ގައުމާ ބައްދަލުކުރާނެ ދެ ޓީމު ހޮވާނީ ބާކީ އޮތް ހަތަރު ގައުމު ކުޅޭ ސެމީ ފައިނަލް ދެ މެޗުންނެވެ. ސެމީ އަށް ހޮވާފައިވާ ހަތަރު ގައުމަކީ ޖެމެއިކާ އާއި ބޮލީވިއާ އާއި ސުރިނާމޭ އާއި ނިއު ސެލެޑޯނިއޯ އެވެ.

އިންޓަކޮންޓިނަލް މުބާރާތްތަކުގެ ގުރު ނެގުން އޮންނާނީ މިރޭ ސްވިޒަލޭންޑްގެ ވެރިރަށް ޒިއުރިކްގަ އެވެ.