މޯލްޑިވްސް އިމިގްރޭޝަނުން އިފްތިތާޙުކުރި ބިދޭސީ އައިޑެންޓިފިކޭޝަން އެޕްލިކޭޝަނާއެކު ފަސޭހަ ނިޒާމެއްގެ ތެރެއިން ވަރކް ޕާމިޓާއި ވިޒާ ދޭން ފެށުމުން ބިދޭސީންގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ލިބޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވި އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމެވެ. މި މަސައްކަތުގެ ދަށުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި މަޢުލޫމާތު އެއްކުރުމަށް "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި ވަރުގަދަ އޮޕަރޭޝަނެއް މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހު ފެއްޓެވިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، 290،000 ބިދޭސީންގެ އަތުގައި އެކްޓިވް ވަރކް ޕާމިޓެއް އޮތް ކަމަށެވެ. ނަމަވެސް ބޯޑަރ ކޮންޓްރޯލް ސިސްޓަމާއި ވިޒާ ސިސްޓަމްގައި ހުރި މަޢުލޫމާތު ދިމާނުވާތީ ރާއްޖޭގައި އުޅެނީ ކިހާ އަދަދެއްގެ ބިދޭސީންކަން ކަށަވަރުނުކުރެވޭ ކަމަށާއި އެ މަޢުލޫމާތުތަކުގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދުވެސް ނޭނގޭ ކަމަށެވެ.
ދާޚިލީ ވަޒީރު ވިދާޅުވީ ބިދޭސީންގެ މަޢުލޫމާތު އޮޅުންބޮޅުމެއްގެ ތެރޭގައި ވަނިކޮށް، އޮޕަރޭޝަން ކުރަނގީގެ ދަށުން ބިދޭސީންގެ ބަޔޮމެޓްރިކްސް މަޢުލޫމާތު އެއްކޮށް، ބިދޭސީންގެ ފޭޝަލް ރިކޮގްނިޝަން ހެދުމަށްފަހު ސިސްޓަމްސްތައް އަދާހަމަކޮށްފައިވާ ކަމަށެވެ. އެގޮތުން 200،000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާރު އެއްކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެއްކޮށްފައިވާ މަޢުލޫމާތު ބޭނުންކުރެވޭނެ އެޕްލިކޭޝަނެއް ޑިޒައިންކޮށް، ބިދޭސީއަކު މަޢުލޫމާތު ނުދިނަސް، އޭނާގެ ފޮޓޯއެއް ނަގައިގެން ސިސްޓަމުން މަޢުލޫމާތު ލިބޭނެ. ފްރޮންޓް ލައިންގައި މަސައްކަތްކުރާ ފުލުހުންނަށް މިހާރު އަޅުގަނޑުމެން ވާނީ މަޢުލޫމާތު ދީފައި. އަދި ކައުންސިލްތަަކަށް ވެސް އެކްސެސް ދޭނަން. ދިނުމަށްފަހު މުޅި ރާއްޖޭގައި މިއެޕްލިކޭޝަން ބޭނުންކޮށްގެން އެންފޯސްކުރަން ފެށޭނެ." ދާޚިލީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބިދޭސީންގެ މަޢުލޫމާތު ދެނެގަނެވޭ އެޕްލިކޭޝަނާއެކު މިހާރު ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، ފަސޭހަ އަދި އަވަސް މަރުޙަލާއެއްގެ ތެރެއިން ވަރކް ޕާމިޓާއި ވިޒާ ހަދައިދެވޭނެކަމަށާއި މިއީ މި މަސައްކަތުގެ ދެވަނަ ފިޔަވަހި ކަމަށެވެ. މި ފިޔަވައްސާއެކު ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ޖިނާއީ ކުށްކުށަށް އަރައިގަންނަ މީހުން ވަގުތުން ޑީޕޯޓްކުރާނެ ކަމަށެވެ. މިހާތަނަށްވެސް މިފަދަ އެކި ބާވަތުގެ މައްސަލަތަކުގައި 9000 އަށްވުރެ ގިނަ މީހުން ޑީޕޯޓްކޮށްލާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވިއެވެ.