ކ. ހިންމަފުށީގައި ސަރުކާރުން ތަރައްޤީކޮށްދެއްވި ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިޔަށްދާއިރު މިއީ ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތަށް ނިންމަށް މަސައްކަތް ކުރާ ދަނޑެވެ.
މިއީ 4.9 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. ހިންމަފުށީ ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ 29 މާޗް ގައެވެ. ކުޅިވަރު ވުޒާރާއިން އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ހިންމަފުށީގެ ފުޓްބޯޅައަށް ލޯބިކުރާ ޒުވާނުންނާއި ކުޑަ ކުދިންގެ އުންމީދުތައް ގުޅިފައިވާ މިދަނޑުގެ މަސައްކަތް ހަލުވި ދުވެލީގައި ނިމެމުން އަންނައިރު އެދަނޑުގައި ވަނީ ވަށާފާރު ރާނާ ފެންވަރު ރަނގަޅު ޓާފެއްވެސް އަޅާފައެވެ. ފެންސް ޖަހާ ލައިޓް ހަރުކޮށް ނިމޭއިރު މި ދަނޑު ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ރޭގަނޑާއި ދުވާލުވެސް ބޭނުން ކުރެވޭގޮތަށް ފުރިހަމަކޮށް ނިންމާ އެރަށުގެ ރައްޔިތުންނާއި ހަވާލުކުރެވޭ ދަނޑަކަށެވެ.
ކުޅިވަރު ޤާނޫނުގެ ދަށުން ހުރިހާ ކުޅިވަރެއް ލާމަރުކަޒުކޮށް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް ކުރާ މަސައްކަތަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހު ނިންމުމަށް ސަރުކާތުން އަމާޒު ހިފާފައިވާއިރު މި ފުޓްބޯޅަ ދަނޑުތަކަކީ އަތޮޅު މުބާރާތްތަކާއި ޒޯން މުބާރާތްފަދަ މުބާރާތްތައް ބޭއްވުމަށް މުހިންމު ވަސީލަތެކެވެ.