ޚަބަރު

އެސްއީޒެޑް ޤާނޫނަށް ގެނައި ބަދަލާއެކު ފުރަތަމަ މަޝްރޫޢު ދާދި އަވަހަށް ފެށޭނެ: ވަޒީރު ސަޢީދު


  • އެސްއީޒެޑް ޤާނޫނުގެ އެއްވެސް ކަމެއް ކުރަން ކުރީ ސަރުކާރުން ބޭނުމެއް ނުވި

  • ފުރަތަމަ މަޝްރޫޢު ލައިސެންސް ދާދީ އަވަހަށް ދެވޭނެ

އެސްއީޒެޑް ޤާނޫނަށް އެންމެ ފަހުން ގެނެސްފައިވަނީ ޒަމާނީ ބަދަލުތަކެއް ކަމަށާއި މިއާއެކު ފުރަތަމަ މަޝްރޫޢަށް ދާދި އަވަހަށް ލައިސެންސް ދޫކުރެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. އެސްއީޒެޑް ޤާނޫނެއް ފުރަތަމަ ފަހަރަށް އެކުލަވާލާ ޢަމަލުކުރަން ފެށީ 2014 ވަނަ އަހަރުއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ހަފުތާ 104 ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު ވިދާޅުވީ، އެސްއީޒެޑްގެ ޤާނޫނެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ތަޢާރަފްކުރީ އޭރު ސަރުކާރުން ކުރިއަށް ގެންދަން މަސައްކަތް ކުރި ފ. އަތޮޅު މަޝްރޫޢަށް އިސްކަންދީގެން ކަމަށެވެ. ނަަމަވެސް އެމަޝްރޫޢު ހުއްޓުވައި އިންވެސްޓަރުންގެ އިތުބާރު ގެއްލިގެން ދިއުމަކީ ދިވެހިންނަށް ލިބުނު ބަދުނަސީބެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރީގެ ސަރުކާރުން އެސްއީޒެޑްގެ އެއްވެސް މަސައްކަތެއް ކުރަން ބޭނުން ނުވުމުން އެ ޤާނޫނު ފަސް އަޅާ ބޭއްވީ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް އޭގެ 10 ވަރަކަށް އަހަރުފަހުން އެ ޤާނޫނަށް ބަދަލު ގެންނަން ސަރުކާރުން ނިންމެވީ ޒަމާނާ އެއްގޮތަށް ޤާނޫނަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށްކަން ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.

"އެ ޤާނޫނަށް ފުރަތަމަ އިސްލާހުތައް އެ ގެނެވުނީ. 10 ބާވަތެއްގެ އެސްއީޒެޑް ރާއްޖޭގައި ހިންގޭއިރު، ސަސްޓެއިނަބަލް ޓައުންޝިޕަކީ ރިއަލް އެސްޓޭޓް ބޮޑެތި ވިޔަފާރި ދިވެހިރާއްޖެއަށް ޤާއިމްކުރުމަށް ތަޢާރަފްކުރެވޭ މަޝްރޫޢެއް. އެއިސްލާހާއެކު އެ ގެނެވުނީ ސަރަހައްދީ ޤައުމުތަކުގައި، މިޑްލްއީސްޓް ތަންތާގައިވެސް ސިންގަޕޫރުގައި ޖީސީސީ ޤައުމުތަކުގައިވެސް ގެންގުޅޭ ޓެކްސްގެ ނިޒާމު އެ ޤާނޫނުން މިހާރު އެ މަގުދައްކަނީ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވަނީ އެސްއީޒެޑްގެ ދަށުން ތަޢާރަފް ކުރެވޭ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫޢުގެ ބައެއް ސިފަތައް ހިއްސާކުރައްވާފައެވެ.

* މަދުވެގެން 500 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް
* އެތަނަށް ބޭނުންވާ 60 އިންސައްތަ ހަކަތަ އުފައްދަންވާނީ އިޔާދަ ކުރަނިވި ހަކަތައިން
* ބައިނަލްއަޤްވާމީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ދޭ ތަނެއް ނުވަތަ ތަޢުލީމީ މަރުކަޒެއް ހުރުން
* ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތެއް ދެމެހެއްޓެނިވިކޮށް އުފެއްދޭނެ ނިޒާމު ހުރުން

ވަޒީރު ވިދާޅުވީ މިތަންތަން ރާއްޖޭގެ ފަޅެއްގައި ނުވަތަ ރަށެއްގައި ތަރައްޤީކުރުމުން އެ އުފެދޭ މުދާ އަބަދަށް ރާއްޖޭގައި ހުންނާނެ ކަމަށެވެ. އެހެންވުމުން ރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މީގެ ތެރެއިން ފަތުރުވެރިކަމަށްވެސް މަގުފަހިވާނެކަމަށާއި، ހަޤީޤަތުގައި އިޤްތިޞާދު ސިންދަފާތު ކުރުމަކީ މިއީ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ފުރަތަމަ އެސްއީޒެޑް ލައިސެންސް ދިނުމުގެ މަގުމަތީގައި މިހާރު މިއުޅެނީ. މިހާރު އުއްމީދު އައުވެގެން އެބައާދޭ. އަޅުގަނޑަށް ޔަޤީނާއި ގާތަށް އެނގޭ މީގެ އެއް ޕްރޮޖެކްޓް ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި ފެށޭނެ ކަމަށް. ނޫނީ ލައިސެން ދޫކުރެވޭނެ. އެވަރަށް މަސައްކަތް މިކުރަނީ. އަޅުގަނޑުމެން މަރުހަބާ ކިޔާނަން އިތުރު މަޝްރޫޢުތަކަށް " ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ސައީދު ވަނީ މިމަޝްރޫޢުގެ ސަބަބުން ފަތުރުވެރިކަމަށް ރާއްޖޭގެ އިޤްތިޞާދު ބާރޯސާވެފައިވާ މިންވަރު ކުޑަކުރެވޭނެކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ރިއަލް އެސްޓޭޓް މާކެޓެއް ތަރައްޤީވެގެންދާއިރު މިމަސައްކަތަށް ބާރުދިނުމުގެ ގޮތުން ޕާލް ވިސާ ޕްރޮގްރާމުގެ ނަމުގައި ރެޒިޑެންޝަލް ވިސާ ޕްރޮގްރާމެއް ކުރިއަށްގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.