މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވަޒީފާގެ ފުރުސަތު ޔަޤީންކޮށްދެއްވުމަށް ކުރިއަށްގެންދާ "ފަހި ޕްރޮގްރާމް – އެކުއެކީ ގުޅިގެން"ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މިޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެމްޕީއެލްއިން އެހީތެރިވެދީ އެ ކުންފުނީގައި މަސައްކަތް ކުރުމުގެ ފުރުސަތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިގެންދާނެކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް އެމްޕީއެލްއިން ވަޒީފާގެ ފުރިސަތު ފަހިކޮށްދީފައެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ސަރވިސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، އެމްޕީއެލްގެ އަމާޒަކީ މިޕްރޮގްރާމަކީ އަބަދުވެސް ދިރުންހުރި ޕްރޮގްރާމަކަށް ހެދުންކަމަށެވެ. މިއަދު ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް ވަޒީފާގެ ފުރުސަތު ހަމަޖެހުނުއިރު މިހާރުވެސް ނުކުޅެދުންތެރިކަން ހުންނަ 32 މީހަކު އެމްޕީއެލްގެ ވަޒީފާގައި ތިބިކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި ވަޒީފާގައި އުޅޭތާ 10 އަހަރު ވެފައިވާ މީހުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކޮންޓްރެކްޓް އުސޫލުން ވަޒީފާ ހަމަޖެއްސިނަމަވެސް އޮނިގަނޑުގެ ތެރެއިން ހުނަރަށް ބަލައި މި ފަރާތްތައް އެމްޕީއެލްގެ ދާއިމީ މުވައްޒަފުންނަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދު ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވާ ތަންތަނުގެ ތެރޭގައި ކުޅުދުއްފުށި ޕޯޓާއި ސ. ހިތަދޫ ޕޯޓް ހިމެނޭ." އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައިވަނީ އެމްޕީއެލްގެ ވެބްސައިޓްގައި ލޮލަށް ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ތަޢާރަފްކުރި، އެކްސެސިބިލިޓީ ފީޗާރ އިފްތިތާހުކޮށްފައެވެ. މި ފީޗަރ އިފްތިތާހުކޮށްދެއްވީ އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު އައިޝަތު ޝިހާމްއެވެ.
އެމްޕީއެލްއިން ވިދާޅުވީ މިއީ ރާއްޖޭގެ ވެބްސައިޓެއްގައި މިފަދަ ފީޗާއެއް ތައާރްކުރެވުނު ފުރަތަމަ ފަހަރުކަމަށެވެ. މިއީ އެ ކުންފުނިން ވަރަށް ފަޚުރުވެރިވާ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.
މި ސަރުކާރުގެ 2 އަހަރުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 333 މީހަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ސަރުކާރުގެ ކުންފުނިތަކުން ފަހިކޮށްދީފައިވާ 288 ވަޒީފާގެ ފުރުސަތާއި، ސިވިލް ސާރވިސްގެ ތެރެއިން ފަހިކޮށްދީފައިވާ 45 ވަޒީފާގެ ފުރުސަތެވެ.