މާލޭގައި އަލަށް ހުޅުވި އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުން އަންނަ ހޮނިހިރު ދުވަހު ޚިދުމަތް ދޭން ފަށާނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.
މި ސެންޓަރު ހުޅުވައި ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ވިދާޅުވީ މެޑިކަލް ސެންޓަރުން ޞިއްޙީ އާންމު މަޢުލޫމާތު ފޯރުކޮށްދިނުމާއި މެޑިކަލް ޗެކަޕްތައް ހެދުމާއި އާންމު ބަލިތަކަށް ބޭސްފަރުވާ ކުރުމުގެ ޚިދުމަތްތައް ދޭނެ ކަމަށެވެ. މި ސެންޓަރުގައި އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ޖީޕީ ކްލިނިކަކާއި ކުޑަކުދިންގެ ހެލްތު ކްލިނިކާއި ވެލްނެސް ކްލިނިކެއް ވަނީ ގާއިމްކޮށްފައެވެ.
އައިޖީއެމްއެޗުން ވިދާޅުވީ އެ ސެންޓަރުން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10 އާ ހަމައަށް ޚިދުމަތް ދޭނެ ކަމަށެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 3:30 އިން ރޭގަނޑު 10 އާ ހަމައަށް ޚިދުމަތް ދޭނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ.
* ފެމިލީ މެޑިސިން ޕްރެކްޓިޝަނާއަށް ދެއްކުމުގެ ޚިދުމަތް
* އާންމު ބަލިތަކަށް ފަރުވާ ދިނުން
* ޖީޕީ ޑޮކްޓަރުން ލަފާ ދޭ ޓެސްޓުތައް ހެދުން
* ބޭސް ސިޓީ އައުކުރުން
* ކުދި ޕްރޮސީޖާތައް ހެދުން
* އެކްސްރޭ ނެގުން
* ބޭސް ފިހާރަ
* ފަސް އަހަރުން ދަށުގެ ކުދިން، ހެދިބޮޑުވާ މިންވަރު ދެނެގަތުމާއި ޑިވެލޮޕްމަންޓަލް މައިލްސްޓޯންސް ބެލުން
* ތުއްތު ކުދިންނަށް ގާތުން ދިނުމާއި ކެއިންބުއިމާ ބެހޭގޮތުން ބެލެނިވެރިންނަށް އިރުޝާދު ދިނުން
* އުމުރުން 2 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިންނަށް ވިޓަމިން-އޭ އަދި ބޭސް ދިނުމުގެ ޚިދުމަތް
* ގައުމީ ވެކްސިން ތާވަލާ އެއްގޮތަށް ވެކްސިން ދިނުން
* އިޚްތިޔާރީ ވެކްސިން ޖަހައިދިނުން
* ދަތުރުވެރިންގެ ވެކްސިން ޖެހުމުގެ ޚިދުމަތް
* ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން
* ނަފްސާނީ ދުޅަހެޔޮކަމާއި ކައުންސެލިންގެ ޚިދުމަތް
* ދުޅަހެޔޮ އާދަތަކަށް އަހުލުވެރިކޮށް ދިނުން
އައިޖީއެމްއެޗަށް އޮންނަ ކިއު ކުޑަކުރުމަށް ސަރުކާރުގެ ވިސްނުމަކީ މާލޭގެ އެކި ހިސާބުތަކުގައި ޖީޕީ ކްލިނިކްތައް ހެދުމެވެ. ބަލިޖެހުމުގެ ކުރިން، ބަލިތަކުން ދިފާޢުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޞިއްޙީ ސިޔާސަތުގެ މުހިންމު ބަހާއަކަށް ވާއިރު، މިފަދަ އިތުރު 5 ސެންޓަރު މާލެ ސަރަޙައްދުގައި ތަރައްޤީކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.