ޚަބަރު

ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 1ގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި


  • ސެގްމަންޓް 1ގައި 130 މީޓަރު ތަރައްޤީކުރޭ

  • ސެގްމަންޓް 1 ގެ %91 މަސައްކަތް ވަނީ ނިންމާފައި

ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 1ގައި ތާރުއެޅުމުގެ މަސައްކަތްތައް ފަށައިފިއެވެ. މާލޭގެ ބޭރު މަގު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކުރިއަށްގެންދަނީ 5 ސެގްމަންޓަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރަނީ މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ހުޅުމާލެ ފެރީ ޓަރމިނަލްއާ ހަމައަށެވެ. ސެގްމަންޓް 1ގެ މަސައްކަތް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށް ކުރިއަށްދެއެވެ. އެއީ 130 މީޓަރުގެ ސަރަޙައްދެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވީ ސެގްމެންޓް އެކެއްގެ %91 މަސައްކަތް ނިމިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ ތާރު އެޅުމާ ގުޅޭ މަސައްކަތްތަކެވެ. އެގޮތުން ތާރު ފަށަލަ އެޅުމުގެ ކުރިން އަޅާ އޭބީސީ ލޭޔަރގެ މަސައްކަތް ވަނީ ފަށާފައެވެ. އޭބީސީ ލޭޔަރގެ މަސައްކަތް ނިމުމާއެކު، ތާރު އެޅުމުގެ މަސައްކަތް ފަށާނެއެވެ.

އެމްޓީސީސީން ވިދާޅުވީ ޔުޓިލިޓީ ވިއުގައިގެ މަސައްކަތްތަކާއި ފެން ހިންދާ ނިޒާމުގެ މަސައްކަތްވެސް މުޅިން ނިމިފައިވާކަމަށެވެ. އަދި ސައިޑް ވޯކްގެ %87 މަސައްކަތްވެސް ވަނީ ނިންމާފައެވެ.

މި މަސައްކަތުގެ ތެރޭގައި ހިމަނައިގެން، އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީކޮށްފައިވަނީ މަގު ފުޅާކުރުމަށްޓަކައި ބޭރުތޮށި 6 މީޓަރު ބޭރަށް ޖެއްސުމަށްފަހުއެވެ.

މަގު ތަރައްޤީކުރަނީ ޒަމާނީ ފެން ހިންދާ ނިޒާމަކާއެކުއެވެ.

މުޅި މިމަޝްރޫޢުގެ 5 ސެގްމަންޓްގައި ޖުމްލަ 830 މީޓަރުގެ މަގު ތަރައްޤީކުރެއެވެ. މަސައްކަތްތައް އަވަސްކުރުމަށްޓަކައި އެމްޓީސީސީން 24 ގަޑިއިރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން މަސައްކަތްކުރަމުންދަނީ، ތާރު އެޅުމާ ގުޅޭ މަސައްކަތްތައް މިމަހުގެ ނިޔަލަށް ނިންމުމަށެވެ.

4 ލޭނަކަށް ތަރައްޤީކުރާ މިމަގުގެ މަސައްކަތް ނިމޭއިރު، ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެއެވެ. މަގުގައި ހިނގާ މީހުންނަށް ޚާއްސަ ލޭނެއްވެސް ހިމެނޭނެއެވެ.

މިމަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.