ޚަބަރު

އެއްބަސްވުމާއި ޚިލާފްވެ، ޔަހޫދީން ޣައްޒާގެ 10 މީހުން ޝަހީދުކޮށްލުމުން ރާއްޖެއިން ކުށްވެރިކޮށްފި


  • ޔަހޫދީން ހިންގާ ޖަރީމާތަކަށް ނިމުމެއް ގެނައުމަށް ފިޔަވަޅު އެޅުމަށް ގޮވާލާފައިވޭ

  • ދިވެހިން އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންނާއެކު ދެމިތިބޭނެ ކަމަށް ބަޔާނުގައިވޭ

ޔަހޫދީންނާއި ފަލަސްޠީނާ ދެމެދު ވި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާއި ޚިލާފަށް މިފަހުން ޔަހޫދީން، ޣައްޒާއަށް ޙަމަލާދިނުމުން ދިވެހި ސަރުކާރުން އެކަން ކުށްވެރި ކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ، ފަލަސްޠީނާއި ޔަހޫދީންނާ ދެމެދުވި ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާއި ޚިލާފަށް މިފަހުން ޔަހޫދީން ޣައްޒާއަށް ދިން ޙަމަލާތަކުގައި ކުށެއް ނެތް ފަލަސްޠީނުގެ ރައްޔިތުންތަކެއް ޝަހީދުކޮށްލުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ދިވެހިން އަބަދުވެސް ދެމިތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ކަމަށެވެ. އަދި އެއްބަސްވުމާ ޚިލާފަށް ފަަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކަށް ނިމުމެއް ގެނައުމަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ބައިނަލްއަޤުވާމީ ދުނިޔެއަށް ގޮވާލައްވާފައިވެއެވެ. މީގެއިތުރުން މި ޖަރީމާތައް ނުހުއްޓާ ކުރިއަށްގެންދާނަމަ ރަށްވެހި ބިމުން ފަލަސްޠީނުގެ ރައްޔިތުން ނެރެފާނެކަން ފާހަގަކޮށް، ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ކަށަވަރު ކުރުމަށް ރާއްޖެއިން އަބަދުވެސް ތާޢީދުކުރާނެ ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ، 1967ގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެން ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުވުމަށް ކަމަށްވެސް ބަޔާނުގައިވެއެވެ.

ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކަށް ޢަމަލު ކުރަމުން ދަނިކޮށް ޔަހޫދީން ޣައްޒާއަށް ދިން ވަރުގަދަ ވައިގެ ޙަމަލާތަކެއްގައި 10 މީހުން ޝަހީދުކޮށްލީ، މިމަހުގެ 20 ވަނަ ދުވަހުއެވެ.

ޔަހޫދީންގެ ޙަމަލާތަކުގައި ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ޝުޖާޢިއްޔާއިން ދެ މީހުންނާއި، އައްޒައިތޫންއިން ހަތަރު މީހުން ޝަހީދުވިއެވެ. އަދި ތިންވަނަ ވައިގެ ޙަމަލާ ދެކުނު ޣައްޒާގެ މަވާސީ ސަރަޙައްދަށް ދީފައިވާއިރު، އެ ޙަމަލާގައިވެސް ހަތަރު މީހުން ޝަހީދުވެފައިވެއެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުުދުވާނީ ޙަމަލާތައް ހުއްޓާލާފައިވަނީ، އެމެރިކާއިން އިސްވެ އޮވެ އެކުލަވާލައި މި އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. ހަނގުރާމަ ހުއްޓާލި ނަމަވެސް ޔަހޫދީން އަދިވެސް ދަނީ، ޣައްޒާއަށް ޙަމަލާތައް ދެމުންނެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ޔަހޫދީން މިހާތަނަށް 290 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން ބުނެއެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ޝަހީދުކޮށްލާފައިވަނީ، އެއް ދުވަހުގެ ތެރޭގައެވެ.