ޚަބަރު

ވެލެންސިއާ އަތުން މޮޅުވެ ބުރު ހަތަރުވަނައަށް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ފަހަތުން އަރައި 4-1 ގެ ނަތީޖާއަކުން ކުލަބު ވެލެންސިއާ ބަލިކޮށް، ބުރު ސްޕޯޓްސް ކުލަބުން ލީގުގެ ހަތަރު ވަނައިގައި ފުރަތަމަ ބުރު ނިންމާލައިފިއެވެ.

މި ހަފުތާގައި އީގަލްސް ކުޅުނު މެޗުން މޮޅުނުވެވުމުން ބުރު ހަތަރުވަނައަށް ޖެހިލީ އީގަލްސްއަށްވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެން 14 ޕޮއިންޓާއެކުވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ބުރުން ވަނީ އެޓޭކުކުރަން ފަށާފައެވެ. އެގޮތުން މެޗުގެ ހަވަނަ މިނެޓުގައި ބުރުގެ އަރީން އަބްދުﷲ އިބްރާހީމް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ހަމައެކަނި ފުރުސަތުން ވެލެންސިއާ ލަނޑު ޖެހިއިރު، މި ލަނޑަކީ ކެޕްޓަން އީތަން އިބްރާހިމް ޒަކީ ނަގައިދިން ކޯނަރަކުން ހުސްކޮށް ހުރެ ފުންމައިގެން އަރާ އޭރިއާ ތެރެއިން އަޙްމަދު އަތުވާން އަލީ ބޮލުން ވައްދާލި ލަނޑެކެވެ.

މި ލަނޑަށްފަހު ބުރުގެ އެޓޭކުތައް ނުރައްކާ ވެގެންދިޔައިރު، ގިނަ ހަމަލާތަކެއް އެ ޓީމުން ވަނީ ވެލެންސިއާގެ ގޯލަށް އަމާޒުކޮށްފައެވެ. މެޗުގެ 33 ވަނަ މިނިޓުގައި އޭރިއާ ތެރެއިން ބުރުގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅައެއް އެ ޓީމުގެ ބިދޭސީ ފޯވާޑް ހަޑްސަން ޑިއާސް ފޮނުވާލަން މަސައްކަތް ކުރުމުން ގޯލްކީޕަރު ވަނީ ބޯޅަ އަތުލާފައެވެ.

ބުރުން ނަތިޖާ ހަމަހަމަކުރީ މެޗުގެ 44 ވަނަ މިނެޓުގައި ވެލެންސިއާގެ ޕެނަލްޓީ އޭރިއާ ބޭރުން މުޙައްމަދު ނާއިމް ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ދުރުކަނަށް ވައްދާލައިގެންނެވެ. މި މެޗުގައި ބުރުން ފަހަތުން އަރައި ލީޑު ނެގީވެސް ނާއިމް ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓުގައި އަރީން އެރިއާ ތެރެއަށް ވަދެ ނަގައިދިން ބޯޅައެއް ނާއިމް ވަނީ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

ބުރުގެ ތިންވަނަ ލަނޑަކީ އަލީ ހަމްދާން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 69 މިނިޓުގައެވެ. އަދި މެޗުގެ 78 ވަނަ މިނެޓުގައި ބުރުގެ ނާއިމް ވަނީ އިތުރު ލަނޑެއް ޖަހައި، މި މެޗުގައި ހެޓްރިކް ހަދާފައެވެ. މެޗު ނިމެމުން ދަނިކޮށް ވެލެންސިއާ އީތަން ވަނީ އޭރިއާ ތެރެއަށް ވަދެ ބުރުގެ ގޯލަށް ނުރައްކާކޮށްފައެވެ.

މި މެޗުން ވެލެންސިއާ ބަލިވިއިރު، މިއީ ލީގުގައި އެ ޓީމު ބަލިވި ހަވަނަ މެޗެވެ.