ތިން އަހަރު ފަހުން ބްރެޒިލްގެ މަޝްހޫރު ފޯވަޑް ނޭމާ ސަންޓޯސް ހެޓްރިކެއް ހަދައި އޭނާގެ ކުލަބު ސަންޓޯސް ބްރެޒިލް ލީގުގެ ރެލިގޭޝަން ޒޯނުން ބޭރުކޮށްދީފިއެވެ.
ރެލިގޭޓްވެފައިވާ ޔުވެންޓޫޑޭއާ ދެކޮޅަށް، އަނިޔާގައި ހުރެ ކުޅެން ނުކުމެ އޭނާ ހެޓްރިކް ހެދީ އެންމެ 17 މިނިޓް ތެރޭގަ އެވެ. މިއީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ފްރާންސްގެ ޕީއެސްޖީ އަށް ހެޓްރިކް ހަދައިދިން ފަހުން އޭނާ އެއް މެޗެއްގައި ތިން ގޯލު ޖެހި ފުރަތަމަ ފަހަރެވެ.
މި ނަތީޖާއާއެކު ސަންޓޯސް ވަނީ އެންމެ ފުލަށްދާ ހަތަރު ޓީމުގެ ތެރެއިން ދެ ޕޮއިންޓުގެ ލީޑެއް ހޯދައިފަ އެވެ. ލީގުގެ ފަހު މެޗުގައި ސަންޓޯސް ކުޅެން ޖެހޭނީ ކުރުޒެއިރޯއާ އެވެ.
ނޭމާ އަނިޔާގައި ހުރެ ކުޅެން ކުޅެމުންދަނީ ދެ ބޭނުމެއްގަ އެވެ. އެއީ އޭނާގެ ޓީމު ރެލިގޭޓްވިޔަ ނުދިނުމަށާއި އަންނަ އަހަރުގެ ވޯލްޑް ކަޕަށްދާ ބްރެޒިލް ޓީމުން ޖާގަ ހޯދަން ކޮންމެހެން ވެސް ކުޅެން ޖެހޭތީ އެވެ. އަދި ފިޓްކޮށް ހުރިކަން ސާބިތުކޮށްދޭން ޖެހޭތީ އެވެ. އޭނާ އަށް ބްރެޒިލްގެ ގައުމީ ޓީމުން ޖާގަ ނުލިބޭތާ މިހާރު ތިން އަހަރު ވެއްޖެ އެވެ. މިހާރުގެ ކޯޗު ކާލޯ އަންޗެލޯޓީ އަންގާފައިވަނީ ފިޓްކޮށް ހުރެފިނަމަ އޭނާ އަށް ބްރެޒިލް ޓީމުން ޖާގަ ލިބިދާނެ ކަމަށެވެ.
ބްރެޒިލްގެ މީޑިއާތަކުން ބުނާ ގޮތުގައި ނޭމާ މެޗަށް ފަހު އުޅުނީ ވެސް ފަޔަށް ތަދުވާތީ އެވެ. އޭނާ މިހާރު ކުޅެމުންދަނީ އޮޕަރޭޝަން ކުރަންޖެހޭ ހާލަތެއްގައި ހުރެ އެވެ. ނަމަވެސް ފާއިތުވެދޔަ ތިން އަހަރު އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ނުކުޅެ ހުރި ކުޅުންތެރިޔާ ބޭނުންވަނީ އޮޕަރޭޝަން ނުކޮށް ވޯލްޑް ކަޕަށް ފިޓްވުމަށެވެ. އޭނާ މިހާރު މެޗުތަކަށް ނުކުންނަމުންދަނީ ހާއްސަ ފަރުވާތަކަކަށް ފަހު އެވެ.
އުމުރުން މިހާރު 33 އަހަރުގެ ފޯވަޑަކި ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ.