ޚަބަރު

އޮޕަރޭޝަން އަލިމަގުގެ ތެރެއިން އައްޑޫ ޑްރަގު ނެޓްވޯކެއްގެ އިސް ބަޔަކު ހައްޔަރަށް


  • މާރިޗު މަހުން ފެށިގެން ފުލުހުން ދިޔައީ މި މީހުން ތަޙުޤީޤުކުރަމުން

  • ހައްޔަރުކުރި މީހުންނަކީ 2017 ވަނަ އަހަރުން ފެށިގެން ޑްރަގު ވިޔަފާރިކުރަމުންދާ ބައެއް

މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށާފައިވާ ބިޔަ އޮޕަރޭޝަން، އޮޕަރޭޝަން އަލިމަގުގެ ތެރެއިން އައްޑޫގައި ޑްރަގު ވިއްކާ ވިޔަފާރިކުރަމުންދިޔަ އިސް ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އޮޕަރޭޝަން އަލިމަގުގެ ތެރެއިން ބުދަ ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި އައްޑޫ ސިޓީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯރކެއްގެ އިސް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ ނެޓްވޯރކްގެ އިސް މީހުންނަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރކުރުމުގެ ތަޙުޤީޤެއް ފެށީ މި އަހަރު މާރިޗު މަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދިފައިވާކަން ފުލުހުން ވިދާޅުވިއެވެ. އަދި ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިޔަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނަކީ މިހާރުވެސް ކުރިއަށްދާ އޮޕަރޭޝަނަކަށްވުމާއެކު މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހިއްސާކުރަމުން ގެންދަވާނެ ކަމަށެވެ.

ފުލުހުންގެ ޚިދުމަތުން "އޮޕަރޭޝަން އަލިމަގު" ފެށީ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި އޮޕަރޭޝަނުގައި މިދިޔަ މަހުގެ 13ވަނަ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއް ވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ.

މި އޮޕަރޭޝަނަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މި އޮޕަރޭޝަން ކުރިއަށްދާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަސްތުވާތަކެތީ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ވަނީ އިޞްލާޙު ގެނެސްފައެވެ. މި އިޞްލާޙު މަޖިލީހުން ފާސްކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެ.