ޚަބަރު

ރ. މަޑުއްވަރީގައި 400 ކިލޯވޮޓްޕީކްގެ ސޯލާ ޕީވީ ހައިބްރިޑް ނިޒާމެއް ބަހައްޓަނީ


  • އަހަރަކު 187,902 ލީޓަރުގެ ޑީސަލް ބޭނުންކުރުން މަދުވާނެ

  • 460 ޓަނުގެ ކާބަން ޑައިއޮކްސައިޑް ވައިގެ ތެރެއަށް ދޫކުރުން ހުއްޓުވޭނެ

ރ. މަޑުއްވަރީގައި 400 ކިލޯވޮޓްޕީކްގެ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިމަޝްރޫޢަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން ކުރެވޭ މަސައްކަތެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ރ. މަޑުއްވަރީގައި 344 ކިލޯވޮޓް ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމަކާއެކު 400 ކިލޯވޮޓްޕީކްގެ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމެއް، ބެހެއްޓުމުގެ މަސައްކަތް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ދަނީ ކުރަމުންނެވެ.

މި ނިޒާމު ބޭނުންކުރަން ފެށުމުން، އެރަށުން އަހަރަކު 187,902 ލީޓަރުގެ ޑީސަލް ބޭނުންކުރުން މަދުވެ، 460 ޓަނުގެ ކާބަން ޑައިއޮކްސައިޑް ވައިގެ ތެރެއަށް ދޫކުރުން ހުއްޓުވޭނެކަމަށް އެ ވުޒާރައިން ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ތިމާވެއްޓަށް ދިމާވާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެގެންދާނެކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

މި ސިސްޓަމް ބަހައްޓައި ނިމި، އަމަލީކޮށް ބޭނުންކުރަން ފެށުމުން މަޑުއްވަރީގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ޚިދުމަތެއް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ.

ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ 5 އަހަރު ދުވަހުގެ ތެރޭގައި، އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި ހުރީ އެންމެ 53 މެގަވޮޓު ނަމަވެސް މިހާރު އެއަދަދު 70 މެގަވޮޓަށް ވަނީ އިތުރުކޮށްފައެވެ.

2028 ވަނަ އަހަރު ނޮވެންބަރަށް ހަކަތައިގެ ދާއިރާއިން ހާސިލްކުރަން ބޭނުންވާ އަމާޒާ އެއްގޮތަށް ކަންކަން ކުރުމަށް ސަރުކާރުން މިހާތަނަށް ހެދި ދިރާސާތަކުން ޖުމްލަ 450 މެގަވޮޓް ޤާއިމްކުރަން ޖެހޭކަންވަނީ ފާހަގަކުރެވިފައެވެ. އެގޮތުން މިހާރުވެސް އެކި މަރުހަލާތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 170 މެގަވޮޓްގެ އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ކުރިއަށްގެންދެއެވެ.

ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ޖުމްލަ %33، އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް އަމާޒު ހިފާފައިވާކަން ސަރުކާރުން އިއުލާން ކުރެއްވީ، ކޮޕް 28 ސަމިޓުގެ ތެރެއިންނެވެ. މިއީ އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި މިހާރު ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތެވެ. އަދި މިކަމުގެ ސަބަބުން ތެލަށް ކުރާ ޚަރަދު ކުޑަކުރެވި، ދައުލަތުގެ މާލިއްޔާއިން ބޮޑު ޚަރަދުތަކެއް ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.