ޚަބަރު

"އޮޕަރޭޝަން އަލިމަގު" އައްޑޫން ހައްޔަރުކުރި 5 މީހުންގެ ވަނަވަރު އާންމުކޮށްފި، 3 މީހެއްގެ ބަންދަށް 30 ދުވަސް!


"އޮޕަރޭޝަން އަލިމަގު"ގެ ދަށުން އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން އަލިމަގު"ގެ ދަށުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ނެޓްވޯކެއްގައި ހިމެނޭ އިސްފަރާތްތައް ހައްޔަރުކޮށްފައިވާކަމަށެވެ.

އެގޮތުން މި މަހުގެ 3ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ 5 މީހެއްހެ ވަނަވަރު ފުލުހުން ވަނީ އާންމުކުރައްވާފައެވެ.

ހައްޔަރުކުރި 5 މީހުންގެ ވަނަވަރު

- ސ. ހިތަދޫ، ކޮންމުލި، އުމުރުން 30 އަހަރުގެ ޢަލީ ނަދީމް
- ސ. ހިތަދޫ، ފަލާޙް، އުމުރުން 31 އަހަރުގެ ހާފިޡު ފައުޒީ
- ސ. ހިތަދޫ، ވެޔޮފެހެބުރުގެ، އުމުރުން 43 އަހަރުގެ އިބްރާހީމް ސިރާޖު
- ސ. ހިތަދޫ، ދޮރުފޮތިމާގެ، އުމުރުން 28 އަހަރުގެ ޙަސަން ޢަލްފާފް
- ސ. ހިތަދޫ، ކެކުރިމާގެ، އުމުރުން 23 އަހަރުގެ އަމީން މުޙައްމަދު

މި ނެޓްވޯރކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާރޗް މަހުން ފެށިގެންނެވެ. އަދި މި ނެޓްވޯރކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ކަން ފުލުހުންނަށްވަނީ ހޯދިފައިވެއެވެ. އެގޮތުން ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ނަދީމް އާއި ހާފިޡު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އަދި ޙަސަން އަލްފާފް އާއި އަމީން މުޙައްމަދަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.