ޚަބަރު

ގެއަކަށް ވަދެ ފޭރުނު 2 މީހަކު ހައްޔަރުކޮށްފި


ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ތޫނު އެއްޗަކުން ބިރުދައްކާ ފޭރުނުުކަމަށް ތުޙުމަތު ކުރެވުނު 2 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އިއްޔެ ފަތިހު ހުޅުމާލެ ގެއަކަށް ވަދެ 1000 ރުފިޔާ ފޭރުނުކަމަށް ބުނެ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއްކަމަށާއި މި ދެމީހުންނަކީވެސް ދިވެހިންކަމަށެވެ.

img:http://s4.psmnews.mv/images/660x400/14726254854731.jpg|ފޭރުނުކަމަށް ޝައްކުކުރެވޭ މީހުންގެ އަތުން ފެނުނު ވަޅިތައް

މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ތުޙުމަތުކުރެވޭ ދެމީހުން ހޯދުމަށް ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ކުރަމުންދިޔަ މަސައްކަތުން އެދެމީހުން ފެނިފައިވަނީ އެދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހުޅުމާލެ ޝީޝާ ޝޯރޫމް ކުރިމަތިންކަމަށާއި، އެ ދެ މީހުންގެ އަތުން 2 ވަޅި ފެނިފައިވާކަމަށްވެސް ޕޮލިހުން ވިދާޅުވެއެވެ. މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުންދާކަމަށްވެސް ޕޮލިހުން ވިދާޅުވެއެވެ.