ބައިނަލްއަގުވާމީ އިންސާނީ ޙައްގުތަކުގެ ދުވަސް ކޮންމެ އަހަރެއްގައިވެސް ފާހަގަކުރަމުންދަނީ 10 ޑިސެންބަރުގައެވެ. މި ދުވަސް އިންސާނީ ޙައްގުތަކުގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ 1948ވަނަ އަހަރު އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގައި ފާސްކޮށް ނެރުނު ޤަރާރަކުންނެވެ. މިއީ މި ދުވަސް ފާހަގަކުރާ 77 ވަނަ އަހަރެވެ.
އިންސާނީ ޙައްގުތަކަކީ އިންސާނަކަށްވީތީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްގުތަކެކެވެ. މި ޙައްގުތައް މީހެއްގެ ފުދުންތެރިކަމަކަށް، ހައިސިއްޔަތަކުން، ނުވަތަ މީހާ އުފަންވެފައިވާ ޤައުމަކުން ބަދަލެއް ނުވެއެވެ. މި ޙައްގުތައް ކަށަވަރުކުރުމަށް ޤައުމުތަކުން ޤާނޫނުތަކުގައި އެ ޙައްގުތައް ބަޔާންކޮށް އެއަށް އަމަލުކުރަމުންދެއެވެ.
ރާއްޖޭގައިވެސް ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކޮންމެ ރައްޔިތަަކަށްވެސް ލިބިގެންވާ ޙައްގުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެންމެ ބޮޑަށް އަޅުގަނޑުމެންގެ ތެރޭގައި ދެކެވޭ ވާހަކައަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކައެވެ. ކޮންމެ މީހަކުވެސް މި ޙައްގު ބޭނުމެވެ. މަގުމަތިން ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް، ބައިނަލްއަގުވާމީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވައިގެންވެސް މި ޙައްގު ކަށަވަރު ކުރުމަށް މަސައްކަތް ކުރެއެވެ.
މިއީ އަޅުގަނޑުމެންގެ ޤާނޫނުއަސާސީންވެސް ކޮންމެ ދިވެއްސަކަށް ލިބިދޭންޖެހޭ ޙައްގަކަށްވާއިރު އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކަށަވަރުވެފައި އޮންނަންވާނެއެވެ. މިއަދު އެ ޙައްގު އަޅުގަނޑުމެންނަށް ލިބެންވާ އެންމެ ފުޅާ މިނެއްގައި ލިބުނު ނަމަވެސް މި ޙައްގުގެ ނަމުގައި ކުރެވޭ ކަންކަމުގައި މަދުން ނަމަވެސް އެހެން މީހުންގެ ޙައްގުތަކަށް އަރައިގަންނަ މަންޒަރު އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމަޢުންވެސް ފެނެއެވެ. ޚިޔާލު ފާޅުކުރުމުގެ ނަމުގައި ބައެއް ފަރާތްތަކުން އެހެން މީހުންގެ އަބުރު ކަތިލުމާއި ސާބިތުނުހިފޭ ވާހަކަތައް ފެތުރުމަކީ މިއަދު އާންމު ކަމެކެވެ. ތިމާގެ އަބުރު ރައްކާތެރިކުރުމުގެ ޙައްގު ތިމާއަށް ލިބިފައިވާގޮތަށް އެހެން މީހުންނަށްވެސް އެ ޙައްގު އޮތްކަން ބައެއް ފަހަރު ހަނދާނުން ކައްސާލަނީއެވެ.
ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ފުރައްސާރަކުރުމާއި، އޭއައި ފަދަ އައު ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އަނެކާގެ އަގު ވައްޓާލުމަކީވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފެންނަ ހިތާމަވެރި މަންޒަރުތަކެކެވެ. އޭގެ ސަބަބުން އަނެކާއަށް ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ލިބޭ ގެއްލުމާމެދު ވިސްނުމެއްވެސް ނެތެވެ. ކޮންމެ މީހަކަށްވެސް އިންސާނީ ޙައްގުތައް ހަނދުމަވަނީ އެ މީހެއްގެ ޙައްގަށް އުނިކަމެއް އަންނަ އަމަލެއް އެހެން މީހެއްގެ ފަރާތުން ފެންނަ ހިސާބުންނެވެ.
އިންސާނީ ޙައްގުތަކުގެ ވާހަކަތައް އެންމެ ގަދައަށް މިއަދު ދައްކާ ޤައުމުތަކުންވެސް އަޅުގަނޑުމެންނަށް ފެނިގެންދަނީ މި މަންޒަރެވެ. ޙައްގުތައް ހޯދުމުގެ ނަމުގައި އެހެން ޤައުމުތަކުގެ ރައްޔިތުންގެ ޙައްގުތަކަށް އަރައިގަންނަނީއެވެ. އަންހެނުން ބޭނުންގޮތަކަށް ހެދުން އެޅުމުގެ ޙައްގަށް ވަކާލާތު ކުރަމުން، މޫނުބުރުގާ އަޅާ މީހުންނަށް ފުރައްސާރަ ކުރެއެވެ. އިންސާނުން ދިރިހުރުމުގެ ޙައްގަށް ވަކާލާތު ކުރާއިރު އިންސާނުންގެ ނަސްލު ނައްތާލުމަށް ހިންގަމުން އަންނަ ޖަރީމާތައް ލޮލު ކުރިމަތިން ފެނުމުންވެސް އެއަށް ދެނީ ބީރު ކަންފަތެކެވެ.
ކުޑަކުދިންގެ ޙައްގުތަކުގެ ވާހަކަތައް އެންމެ ގަދަޔަށް ދައްކަމުންދާ މީހުންނަށް ފަލަސްޠީނާއި އެފްރިކާގެ ޤައުމުތަކުގައި މަރަމުންދާ ކުޑަކުދިންނާއި ހައިހޫނުކަމުގައި ދިރިއުޅެމުން އަންނަ ކުދިންގެ ކެކުޅުންތަކެއް ނުފެނެއެވެ. އެއީ ޙައްގެއް ލިބިގެންވާ ކުދިން ކަމަށް ގަބޫލުނުކުރެވެއެވެ. އެކުދިން މަރާލަން ގޮވާލައި ވަކާލާތު ކުރުންވެސް އާންމު ކަމަކަށް ވަނީ ވެފައެވެ. މިއީ އިންސާނީ ޙައްގުތަކުގެ ވާހަކަތައް އެންމެ ގަދަޔަށް ދައްކާ ޤައުމުތަކާއި ރައްޔިތުންގެ ހާލަތެވެ.
މިނިވަންކަން ހައްދެއް ނެތް މިންވަރަށް ފުޅާ ކުރުމުގެ ނަތީޖާ މިއަދު އެކި ޤައުމުތަކުން އަޅުގަނޑުމެންނަށް ދަނީ ފެންނަމުންނެވެ. ޤައުމުގެ އިޖުތިމާޢީ ފޭރާން ވީދި، ފާހިޝް އަމަލުތައްވެސް އެ ޤައުމުތަކުގައި ދަނީ އާންމުވަމުންނެވެ.
މިއީ ޙަގީގީ މާނައިގައި ޙައްގުތައް ކަށަވަރުވުމެއް ނޫނެވެ. ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަންޖެހޭ ގޮތަށް މިނިވަންކަމުގައިވެސް ހައްދެއް އޮންނަންވާނެއެވެ. އެއީ ތިމާގެ ޙައްގު ޔަގީންކުރަމުން ގޮސް އެހެން މީހެއްގެ ޙައްގަށް އަރައިގަންނަ ހިސާބެވެ.
އިންސާނީ ޙައްގުތައް ކަށަވަރުވާނީ ކޮންމެ މީހަކުވެސް އިންސާނަކަށް ވީތީ ތިމާއަށް ޙައްގު ލިބިގެންވާފަދައިން އަނެކާއަށްވެސް އެ ޙައްގު ލިބެންޖެހޭކަން ގަބޫލުކޮށްގެންނެވެ. އަނެކާގެ ޙައްގުތައް ކަށަވަރު ކުރުމަށް ތިމާވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ގަބޫލުކޮށްގެންނެވެ. އެހެން މީހުންގެ ޙައްގުތައް ނިގުޅައިގަންނަން މަސައްކަތް ކުރާ ފަރާތްތަކާ ދެކޮޅަށް ތެދުވެ، އެ ޙައްގުތައް ކަށަވަރު ކުރުމަށް އަޑުއުފުލައިގެންނެވެ.