ޚަބަރު

"ސްޓީލިން ޕެރެޑައިސް" ޝެޑިއުލްއިންވެސް އުނިކޮށްފި


ދިވެހިރާއްޖެއާމެދު ދޮގު ޚަބަރުފަތުރާ، އިންވެސްޓަރުންގެ އިތުބާރު ރާއްޖެއާމެދު ގެއްލުވާލުމުގެ މަޤްޞަދުގައި ބިދޭސީ ޣައިރު މުސްލިމެއްކަމަށްވާ ވިލްޖޯޑަން ކިޔާ މީހަކު އިސްވެހުރެ އުފައްދަން މަސައްކަތް ކުރި "ސްޓީލިން ޕެރެޑައިސް" ކިޔާ ޑޮކިއުމަންޓްރީ އަލްޖަޒީރާއިން ދެއްކުމަށް އަންނަ އާދީއްދަދުވަހަށް ތާވަލުކުރުމަށްފަހު އެ ތާވަލުން ކުއްލި ގޮތަކަށް އުނިކޮށްފިއެވެ.

މޯލްޑިވްސް އިންޑިޕެންޑެންޓްގެ ނަމުގައި ހިންގާ ވެބްސައިޓެއްގެ އެޑިޓަރުކަންވެސް ކުރީން ކޮށްފައިވާ، އަދި ދިވެހި ސަރުކާރާ އިދިކޮޅަށް ޓުވީޓުކުރުމުގައި އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތްކުރާ އިނގިރޭސި ވިލާތުގެ ޣައިރު މުސްލިމެއްކަމުގައިވާ ވިލްޖޯޑަންގެ ޓީމުން މި ޑޮކިއުމަންޓްރީގެ ޕްރިމިއާއެއް މިދިޔަ ބުދަދުވަހު ބޭއްވުމަށް ހަމަޖައްސައި އެތައް ބަޔަކަށް ދަޢުވަތު ފޮނުވުމަށްފަހު އެކަންވެސް ވަނީ ފަހުން ކެންސަލްކޮށްފައެވެ.

އަލްޖަޒީރާއިން މި ޑޮކިއުމަންޓްރީ ދެއްކުމަށްފަހު، ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި ދިވެހި ރައްޔިތުންނަށް ވަޒީފާ އުފައްދައިދޭން އިންވެސްޓްކުރާނެ ބޭރުގެ އިންވެސްޓަރަކު ދެން ނާންނާނެކަމަށް ވިދާޅުވެ އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމުގެ މަޤާމު މިހާރު އަދާކުރައްވަމުން ގެންދަވާ މުޙައްމަދު ޝިހާބު އިންޒާރުދެއްވާފައިވެއެވެ. އަދި މި ރާއްޖެ ބަދުނާމުކުރަން އުފެއްދި މި ޑޮކިއުމެންޓްރީ އުފެއްދުމުގެ ކުރީންވެސް ޣައިރު މުސްލިމް ވިލްޖޯޑަންއާ އޭނާގެ ޓީމުން ވަނީ ރާއްޖެއަށް ފަތުރުވެރިންނާ އިންވެސްޓަރުން އައުން ހުއްޓުވައި ދިވެހި ރައްޔިތުން ބަނޑަށް ޖެއްސުމަށް ޚާއްޞަ ކެމްޕޭންތަކެއް ހިންގާފައެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކާ ގުޅިގެން އުފައްދައި ޢާއްމުކުރަން މި އުޅުނު ޑޮކިއުމަންޓްރީގައި ހަމައެކަނި އިދިކޮޅު ފަރާތްތަކުގެ ފިކުރު ހާމަކޮށް، ރާއްޖޭގެ އަގު ވައްޓާލުމަށް މަސައްކަތް ކުރިއިރު، ދިވެހި ރައްޔިތުންގެ ރީތި ދިރިއުޅުމާ، ދިވެހި ސަރުކާރުން ޤައުމު ތަރައްޤީކުރަން ކުރާ މަސައްކަތްތަކުގެ އެއްވެސް ވާހަކައެއް އަދި ސަރުކާރުގެ ބަހެއް މީގައި ހިމަނާފައި ނުވާކަމަށް މަޢުލޫމާތު ލިބެއެވެ. އެހެންކަމުން މިނިވަން ނޫސްވެރިކަމަށް ލޯބިކުރާކަމަށް ދަޢުވާކުރާ ބަޔަކު ވަކި ފަރާތެއްގެ ފިކުރު އެކަނި ހިމަނައިގެން، ޤައުމެއްގެ މުޅި ސިޔާދަތު ގެއްލޭގޮތަށް މިފަދަ ޑޮކިއުމެންޓްރީއެއް އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި ވަރަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ޣައިރު މުސްލިމުންތަކެއް އިސްވެ ތިބެ ރާއްޖެއާމެދު މިފަދަ އިހާނެތި ފިކުރުތަކެއް ފަތުރަން އުޅޭތީ ދިވެހި ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.