ޚަބަރު

ފުވައްމުލަކުގައި ޓިވެޓް ސެންޓަރަކާއި ށ.ފުނަދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީކުރަނީ


  • މިތަންތަނުގައި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން ކްލާސް ރޫމްތައް ހިމެނޭ

  • ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ ސަރަޙައްދެއް ހިމެނޭ

ފުވައްމުލައް ސިޓީގައި ޓިވެޓް ސެންޓަރަކާއި، ށ. ފުނަދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީ ކުރުމަށް ސެންޓްރަލް ލައިން ކިޔާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ހިކުމާއެވެ. އަދި ސެންޓްރަލް ލައިންގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ އާސިމެވެ.

އެ ކުންފުންޏާ މި މަސައްކަތްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޝަފީޢު ވިދާޅުވީ، އަމާޒަކީ އަންނަ އަހަރު ނިމެންވާއިރަށް މަސައްކަތުގެ ބޮޑުބައި ނިންމާ 2027 ވަނަ އަހަރު އެތަންތަން ބޭނުންކުރެވޭ ގޮތް ހެދުން ކަމަށެވެ. އަދި އަތޮޅު ތެރޭގައި ތަރައްޤީ ކުރާ މިފަދަ މަރުކަޒުތަކުގެ ސަބަބުން ޒުވާނުންގެ ހުނަރުތައް ތަރައްޤީ ކުރުމަށް ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ފުވައްމުލައް ސިޓީވެސް ތަޢުލީމީ ސިޓީއެއްގެ ގޮތުގައި ތަރައްޤީވެގެންދާނެ. ފުނަދޫގައިވެސް އެމްއެންޔޫގެ އިތުރުން އައިޔޫއެމްގެ ކެމްޕަސް ތަަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިކަމަަކީ ތަޢުލީމް ފޯރުކޮށްދިނުމަށް އިތުރުވާ ބޮޅެއް" މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޝަފީޢު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް މަތީ ތަޢުލީމުގެ ފުރުސަތުތައް ފުޅާކޮށް، މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އަތްފޯރާ އަގެއްގައި އެކޮމޮޑޭޝަން ހަމަޖެއްސުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދު ފުޅެކެވެ.

މި މަޝްރޫއުތަކުގައި ބިނާ ކުރާ އިންސްޓިޓިއުޓްތަކުގައި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން ކްލާސް ރޫމްތަކާއި، އައި.ސީ.ޓީ ލެބޯޓަރީއާއި، އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި، ސްޓާފް ރޫމް ހިމެނޭނެއެވެ. އަދި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ ސަރަޙައްދުގެ އިތުރުން ސެމިނަރ/މީޓިންގ ރޫމްތަކާއި، ސްޓަޑީ ރޫމް އަދި ލައިބްރަރީވެސް ހުންނާނެއެވެ.

މި މަޝްރޫއުތަކުގެ ސަބަބުން މަތީ ތަޢުލީމު ހާސިލް ކުރުމަށް ހުރި ގޮންޖެހުންތައް މަދުވެ، ރަށުން ބޭރުން އަންނަ ދަރިވަރުންނަށް މި ރަށްތަކުގައި ތިބެގެން ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޓެކްނިކަލް ޓްރެއިނިންގ އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް އުނގެނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.