ސަޢޫދީ ޢަރަބިއްޔާގެ ދައްމާމުގައި 7- 10 ޑިސެމްބަރަށް ކުރިޔަށް ގެންދިޔަ ޑަބްލިއުޓީޓީ ޔޫތް ކޮންޓެންޑާ 2025 ގައި ވާދަކުރި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ސެމީ ފައިނަލްގައި ވާދަކޮށްފިއެވެ.
ދަންމާމުގެ ގްރީން ސްޕޯޓްސް ހޯލުގައި ކުރިޔަށްދިޔަ މި މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ސިންގަލްސްގައި ދީމާ ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކަށް ބަލާއިރު ފުރަތަމަ ބުރުގައި ނިކުތީ މިސްރުގެ އަލް ހަބީބާ އެލް ބަސޫމީއާއި ދެކޮޅަށެވެ. އެ މެޗު ފަސް ސެޓަށް ކުޅެގެން ކާމިޔާބުކުރީ 3-2 ން މިސްރު ކުޅުންތެރިޔާއެވެ. ދެވަނަ މެޗުގައި ދީމާ ނިކުތީ އީރާނުގެ މަލިކާ އައްބާސީއާއި ދެކޮޅަށެވެ. އެ މެޗު ފަހަތުން އަރާ ދީމާ ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
ގަދަ 16 ބުރުގައި ދީމާ ނިކުތީ ޖޯޖިއާގެ ޓެކްލަ ލިފާޓެލިއާނީއާ ދެކޮޅަށެވެ. ކުއާޓާއަށް ދީމާ ދަތުރުކުރީ އެމެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. ކުއާޓަރ ފައިނަލްގައި ޖޯޖިއާގެ އަނަސްތޭސިއާ ސިކަރިސްވިލިއާ 3-1 ސެޓުން ބަލިކޮށްގެން ދީމާ ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކުރިއެވެ.
ސެމީ ފައިނަލްގައި ދީމާ ވާދަކުރީ ނިއުޒިލޭންޑްގެ ލި ޝެއުކް ޓުންއާއި ދެކޮޅަށެވެ. ނިއުޒިލޭންޑްގެ ކުޅުންތެރިޔާ މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އޭނާ އެ މެޗުގެ ސެޓުތައް ގެންދިޔައީ 11-09، 11-09 އަދި 11-05 ންނެވެ.
މި މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައި ރާއްޖޭގެ އަލްސާ ނާފިޒު ވަނީ ވާދަކޮށްފައެވެ. އޭނާ މުބާރާތް ނިންމާލީ ގަދަ 16 ގައި ހިމެނިގެންނެވެ.
ގަދަ 16 ބުރުން އަލްސާ ބަލިވީ ކަޒަކިސްތާނުގެ އައިނާޒް އަދިލްގެރެޔަވާ އާއި ބައްދަލުކޮށް 2-3 ސެޓުންނެވެ. ފަސް ސެޓު ކުޅެގެން އެ މެޗުގެ ފުރަތަމަ ސެޓު އައިނާޒް ގެންދިޔައީ 08-11 ންނެވެ. އަނެއް ދެ ސެޓު އަލްސާ ގެންދިޔައީ 10-12 އަދި 13-11 އިންނެވެ. އަދި ފަހު ދެ ސެޓު 11-09، 11-02 ން ގެންދިޔައީ ކަޒަކިސްތާނުގެ ކުޅުންތެރިޔާއެވެ.