ކުޅިވަރު

ސަލާހް މައްސަލަ ހައްލު ކުރަން ވެންޑައިކް ޖެހޭނެ: ޖެރާޑް


ލިވަޕޫލްގެ ކޯޗާއި ފޯވަޑް މުހައްމަދު ސަލާހްގެ މެދުގައި ޖެހިފައިވާ މައްސަލަ ހައްލު ކުރަން ކެޕްޓަން ސްޓީވަން ޖެރާޑް މަސައްކަތް ކުރަންޖެހޭ ކަމަށް އެ ޓީމުގެ އެންމެ ވަރުގަދަ އެއް ލެޖެންޑް ސްޓީވަން ޖެރާޑް ބުނެފި އެވެ.

އޭނާ މިހެން ބުނީ ސަލާހް ބެންޗުގައި އިންނަން ޖެހުމުން މީޑިއާގައި ކުލަބާ ޖެހިފައިވާ މައްސަލަތައް ކިޔާދިނުމާ ގުޅިގެން ހުޅު ރޯވެ، ކުލަބު ދޫކޮށްލަން ބޭނުންވެފައިވަނިކޮށެވެ.

ސަލާޙް ބުނީ ލިވަޕޫލުން އޭނާ ބަސް ދަށަށް އެއްލާލައިފި ކަމަށެވެ. އަދި އޭނާ ފަދަ ލިވަޕޫލަށް ހިދުމަތްތަކެއް ކޮށްދީފައިވާ ކުޅުންތެރިއަކު ބެންޗުގައި އިންނަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި ކޯޗާއި ކުލަބާއެކު މައްސަލަ ހައްލު ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށެވެ.

ނަމަވެސް ސްލޮޓް ވަނީ އޭނާ އާއި ސަލާހް މައްސަލަ ޖެހި، އެކަން ހައްލު ނުވެފައި ނެތް ކަމަށާއި ސަލާހްގެ ވާހަކަތަކުން ވަރަށް ބޯޑަށް ހައިރާން ވެއްޖެ ކަމަށެވެ. މިކަމާ ގުޅިގެން ޖެރާޑް ބުނީ މިފަދަ ކަމެއް އޭނާ ލިވަޕޫލްގައި ތަޖުރިބާ ކުރި ކަމަށެވެ.

"ލުއިސް ސުއަރޭޒަށް ކޯޗު ބްރެންޑަން ރޮޖާސްއާ ވާހަކަ ނުދކެވި އުޅުނު ދަނޑިވަޅުގައި އަހަރެން އޭގެ ތެރެއަށް ވަންނަން ޖެހުނު. އަހަރެން ދެކޭ ގޮތުގައި ސަލާހްގެ މައްސަލަ ހައްލު ކުރަން ވެންޑައިކް އަކީ ރަނގަޅު މީހެއް،" ޖެރާޑް ބުންޏެވެ.

އޭނާ އިތުރަށް ބުނީ ސަލާހް ލިވަޕޫލަށް މީޑިއާގައި ފާޑުކިއުމަކީ ގޯހެއް ކަމަށެވެ. އަދި އޭނާ ފަދަ ކުޅުންތެރިއަކާމެދު ލިވަޕޫލް އެގޮތަށް ކަންތައްތައް ނުކުރާނެ ކަމަށެވެ.

"ބައެއް ފަހަރު ކުޅުންތެރިންނަށް ޖަރުބާތުގައި ޖެހިގެން އެ ފފަދަ ކަންކަން ކުރެވިދާނެ. އެކަން ގަބޫލު ވެސް ކުރަން ޖެހޭނެ. މި މައްސަލަ ހައްލު ކުރެވިދާނެ. ސަލާހަކީ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ. އޭނާ އަކީ ޓީމަށް ނަތީޖާ ހޯދައިދޭނެ ކުޅުންތެރިޔާ. އެހެންވީމާ އޭނާގެ މައްސަލަ ހައްލު ކުރަން ޖެހޭނެ. ލިވަޕޫލަށް މިހާރު ކުރިމަތވެފައި އޮތް ނަތީޖާ ނުނެރެވުމުގެ ހާލަތުން އަރައިގަންނަން އެންމެ ބޮޑަށް އެހީތެރިވެދެވޭނެ ކުޅުންތެރިއަކީ ވެސް ސަލާހް،" ޖެރާޑް ބުންޏެވެ.

ސަލާހްގެ އިންޓަވިއުއާ ގުޅިގެން ލިވަޕޫލުން ވަނީ އޭނާ ޓީމުން އެކަހެރިކޮށްފަ އެވެ. މި ގޮތުން ޗެމްޕިއަންސް ލީގުގައި އިންޓަމިލާނާ ދެކޮޅަށް ކުޅެން އިޓަލީ އަށް ދިޔައީ ވެސް އޭނާ ނުލަ އެވެ. އަދި ހަފުތާ ބަންދުގައި އިނގިރޭސި ލީގުގައި ކުޅެން ޖެހޭ މެޗުގައި ވެސް އޭނާ ނުހިމަނާނެ އެވެ. މިއާއެކު ސަލާހް ވަނީ އެކަނި މަސައްކަތްކުރާ މަންޒަރު ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.

ނަމަވެސް އިނގިރޭސި މީޑިއާތަކުން ވެސް ބުނާ ގޮތުގައި ލިވަޕޫލުން މިހާރު މަސައްކަތް ކުރަނީ ސަލާހް ވިއްކާނުލައި މައްސަލަ ހައްލު ކުރާށެވެ.