ޚަބަރު

ހަތަރު މަސާޖު ޕާލާއެއް ބަންދުކޮށް ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • ގަވާއިދާ ޚިލާފަށް އުޅޭ 3 ބިދޭސީއަކުވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި

  • އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ވަގުތުން މަސާޖު ޕާލާތަކުގެ ވިޔަފާރި ހުއްޓުވާފައި

ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކުރުމަށްފަހު އެތަންތަން ބަންދުކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އިއްޔެ ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަދި މި 4 ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ވަގުތުން ހުއްޓުވުމުގެ ފިޔަވަޅުތައް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އަޅުއްވާފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެ މީހުން އަނބުރާ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އަދި ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް އިމިގްރޭޝަނާއި ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.

މި މަސައްކަތުގެ ތެރެއިން ހިންގާ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދާކަންކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި، އެ މީހުން ޑީޕޯޓްކޮށްލުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.