ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ބުރު ސްޕޯޓްސް ކުލަބު ރިކޯޑު މޮޅެއް ހޯދައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ބުރު ސްޕޯޓްސްއިން ކާމިޔާބުކުރީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މިއީ ބުރު ސްޕޯޓްސްއިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން ހޯދި އެންމެ ބޮޑު މޮޅެވެ. އަދި މި މޮޅާއެކު ބުރު ސްޕޯޓްސްއިން ވަނީ މި ފަހަރު ލީގުގައި އެންމެ ތަފާތު ބޮޑު މޮޅު ހޯދާފައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ރިކޯޑާ ހަމަކޮށްފައެވެ. އެ ގޮތުން މާޒިޔާއިން ވަނީ ލީގުގެ ފުރަތަމަ ބުރުގައި ކުލަބު ގްރީން ސްޓްރީޓްސް އަތުން 9-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ލީގުގެ ދެވަނަ ބުރުގައި ބުރު ސްޕޯޓްސްއިން ކުޅުނު ފުރަތަމަ މެޗުން ބޮޑު މޮޅެއް ހޯދިއިރު، މި ދެ ޓީމު ފުރަތަމަ ބުރުގައި ބައްދަލުކުރި މެޗު ބުރު ސްޕޯޓްސްއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ބުރު ސްޕޯޓްސްއިން ހަތް ލަނޑު ކާމިޔާބުކުރިއިރު، މެޗު ފަށައިގެން ހަވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ތޯއިފް ގާސިމް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މި ފަހަރުގެ ޓްރާންސްފާގައި އަލަށް ގެނައި ބާސެލޯނާގެ ބީ ޓީމަށް ކުރިން ކުޅުނު ސެނެގާލްގެ މިޑްފީލްޑަރު ޑިއަވަންޑޫ ޑިއާނޭއެވެ.
އޭގެ ތިން މިނެޓު ފަހުން ބުރު ސްޕޯޓްސްއިން ލީޑު ފުޅާކުރިއިރު، މުޙައްމަދު ނާއިމް ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ހަޑްސަން ޑިއާޒެވެ. މި މެޗުގެ 12 ވަނަ މިނެޓުގައި ޑިއާނޭ ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ގޯލަށް ބޯޅަ ވަނީ ޔޫވީގެ ގޯލްކީޕަރު އަލީ ނާޖިހުގެ އަތުގައި ޖެހިފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ނާއިމް ވަނީ ބުރު ސްޕޯޓްސްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ބުރު ސްޕޯޓްސްގެ ފަސްވަނަ ލަަނޑު މެޗުގެ 25 ވަނަ މިނެޓުގައި ނާއިމް ދިން ބޯޅައަކުން ޖަހައިދިނީ އަރީން ޢަބްދުﷲ އިބްރާހީމެވެ. އޭގެ ހަ މިނެޓު ފަހުން ހަޑްސަން ޑިއާޒް ވަނީ ބުރުގެ ހަވަނަ ލަނޑު ޖަހާފައެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކޯނަރަކުން އަޙްމަދު އަބްދުﷲ (ލިލީ) ވަނީ އެ ޓީމުގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މި މެޗުގެ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އަރީން ދިން ބޯޅައަކުން ހަޑްސަން ޑިއާޒް ވަނީ އިތުރު ލަނޑެއް ޖަހައި، މި މެޗުގައި ހެޓްރިކް ހަދާފައެވެ. އަދި އެ ޓީމުގެ ފަހު ލަނޑު ހަޑްސަން ޑިއާޒް ކާމިޔާބުކޮށްދިނީ މެޗުގެ 64 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް އޭނާ ޖަހައިދިނީ އަރީން ދިން ބޯޅައަކުންނެވެ.
މި މެޗު ޔޫވީން ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މި ފަހަރުގެ ޓްރާންސްފާގައި އޮޑި ސްޕޯޓްސް ކުލަބު ދޫކޮށް ޔޫވީއާ ގުޅުނު އިބްރާހީމް އިމްރާނަށް ވަނީ މެޗުގެ 77 ވަނަ މިނެޓުގައި ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ބުރުގެ ކީޕަރު ހަސަން އަލީފް އިބްރާހީމަށް ނުރައްކާތެރި ފައުލެއް ކުރުމާ ގުޅިގެންނެވެ.
މި މޮޅާއެކު ތާވަލުގެ ހަތަރުވަނައިގައި ބުރު ސްޕޯޓްސް އޮތީ ކުޅުނު 10 މެޗުން ލިބުނު 17 ޕޮއިންޓާއެކުއެވެ. އަދި 10 މެޗުން ލިބުނު 7 ޕޮއިންޓާއެކު ޔޫވީ އޮތީ 7 ވަނައިގައެވެ.