ޚަބަރު

ޖަޕާން ބޮޑުވަޒީރުގެ އަރިސް ބޭފުޅަކާއި ރައީސް ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޖަޕާން ބޮޑުވަޒީރުގެ ސްޕެޝަލް އެޑްވައިޒަރ، ކަޓްސުޔުކި ކަވާއިއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން ބޭއްވެވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ޖަޕާން ސަރުކާރުން ދޭ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއާއި ޖަޕާނާއި ދެމެދުގައިވާ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ޖަޕާން ބޮޑުވަޒީރުގެ ސްޕެޝަލް އެޑްވައިޒަރ މަޝްވަރާ ކުރައްވާފައިވެއެވެ.