ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން ގއ.ވިލިނގިލީގައި ފެންބޮޑުވެ ޖަންގްޝަންތަކުން ބޭރުވަމުންދާ ނަޖިހުގެ އަސަރު ބައެއް ގޭގެއަށް ކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާރސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއްޖެއެވެ.
އެސެންޓަރުން ވިދާޅުވީ މިކަމާ ގުޅިގެން މިހާރު ހޮސްޕިޓަލުގެ ޓީމެއް ގޭގެއަށް ޒިޔާރަތްކުރަމުންދާކަމަށެވެ. މީގެ އިތުރުން އެޗްޕީއޭއާއި އެރަށު ޕަބްލިކް ހެލްތް ޔުނިޓު ގުޅިގެން ނަޖިހުގެ އަސަރު ކޮށްފައިވާ ގެތަކަށާއި ސަރަހައްދުތަކަށް ޒިޔާރަތްކޮށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަމުންދާކަމަށެވެ.
ޑިޒާރސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވީ ހެނދުނުއްސުރެ އެރަށަށް ބޯކޮށް ވާރޭވެހެމުންދާކަމަށާއި ބައެއް ގޭގެ އިތުރުން އެރަށު މިސްކިތެއްގައިވެސް ފެންބޮޑުވެފައިވާކަމަށެވެ. އަދި މިހާރު މިސްކިތައް ފެންނުވަންނަ ގޮތަށް ހަދާފައިވާކަމަށް ޑިޒާރސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއެވެ.
ފެން ބޮޑުވުމާ ގުޅިގެން އެރަށުގެ އެއް ގެއެއްގެ މީހުން އެހެން ގެއަކަށް ބަދަލުވެފައިވާއިރު، އަދި ހަތަރުވަރަކަށް ގެއިން މީހުން ބަދަލުކުރަން ޖެހިދާނެކަމަށް މަޢުލޫމާތުލިބިފައިވާ ކަމަށް އެ ސެންޓަރުން ވިދާޅުވެއެވެ. މިހާރު ފެން ހިންދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއި ރައްޔިތުން ގުޅިގެން ކުރަމުންދާއިރު އެ އަތޮޅުގެ 3 ރަށަކުން ފެން ހިންދުމަށް ހަތަރު ޕަންޕުވެސް އެރަށަށް ގެންގޮސްފައިވާކަމަށް އެ ސެންޓަރުން ވިދާޅުވެއެވެ.