ޚަބަރު

ޑރ.އަޙުމަދު ޝަހީދު ދަޢުލަތަށް ދައްކަވަންޖެހޭ ފައިސާ ދައްކަވައިފި


ދައުލަތުގެ ފައިސާއަށް ޚިޔާނާތްވެފައިވާކަމަށް އޮޑިޓް ރިޕޯޓްތަކުން ފާހަގަކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ޑރ. އަޙްމަދު ޝަހީދު ދަޢުލަތަށް ދައްކަވަންޖެހޭ ފައިސާ ދައްކަވައިފިކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ދަޢުލަތަށް ފައިސާ ދައްކަވަންޖެހޭ ފަރާތްތަކުގެ ތެރެއިން އެ މިނިސްޓްރީން ނަން ހާމަކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ބޭފުޅުންގެ އެއްބާރުލެއްވުން ލިބެމުންދާކަމަށެވެ.

ދައުލަތަށް ފައިސާ ދައްކަންޖެހޭ 7 ފަރާތެއް ނަން ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައި ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރ ޑރ.ޝަހީދުގެ އިތުރުން، ކުރީގެ ރައީސް ގ.ކެނެރީގެ މުޙައްމަދު ނަޝީދާއި، ކުރީގެ ފޮރިން މިނިސްޓަރ ހ.ހިކިފިނިފެންމާގެ އަޙްމަދު ނަސީމާއި، ކުރީގެ ހޯމް މިނިސްޓަރ މ.ބަގީޗާގެ މުޙައްމަދު ޝިހާބު ހިމެނިވަޑައިގަންނަވާ. އަދި ކުރީގެ ހައުސިންގ މިނިސްޓަރ ގދ.ފަރެސްމާތޮޑާ ގުލްފާމްގެ މުޙައްމަދު އަސްލަމާއި، ކުރީގެ ކަސްޓަމްސްގެ ކޮމިޝަނާރ ޖެނެރަލް ގ.ސަމަންތާ މުޙައްމަދު އަސްވާން އަދި ވ.މިޔަރެސް ޙުސައިން ރަޝީދު އަޙްމަދުވެސް ހިމެނިވަޑައިގަންނަވައެވެ.

މި ބޭފުޅުން ދައުލަތަށް ދައްކަވަންޖެހޭ ފައިސާ ދައްކާ ޚަލާސް ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެބޭފުޅުންނަށް 7 ދުވަހުގެ މުހުލަތެއް ދެއްވާފައެވެ. އަދި އެ ފައިސާ މި މުއްދަތުގައި ނުދައްކައިފިނަމަ ޝަރީއަތަށް ފޮނުވުމަށް ކުރަންޖެހޭ ކަންކަން ކުރެއްވުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމަވާފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓްރީން އެ ފައިސާތައް ހޯދުމުގެ މަސައްކަތް ފަށްޓަވާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ ޚިލާފަށް ދައުލަތުގެ ބައެއް އިދާރާތަކުން ބައެއް ފަރާތްތަކަށް ދައުލަތުގެ ފައިސާ ދީފައިވާ ކަމަށް އޮޑިޓާރ ޖެނެރަލްގެ އޮޑިޓް ރިޕޯޓްތަކާއި އޭސީސީގެ ތަހުޤީގު ރިޕޯޓްތަކުގައި ފާހަގަކުރައްވާ އެ ފައިސާ ހޯދުމަށް އެ ރިޕޯޓް ތަކުގައި ލަފާއަރުވާތީކަމަށް ފިނޭންސް މިނިސްޓްރީން މިކަމާއި ގުޅިގެން ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވެއެވެ.