އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވޮލްވްސް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި ބައިކޮޅަށް ޖެހި ދެ ލަނޑުން 2-1 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެއްޖެ އެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވި ނަމަވެސް އާސެނަލް އިން ވަނީ މެޗު ޑޮމިނޭޓްކޮށްގެން ކުޅެ ގިނަ ހަމަލަތަކެއް އުފައްދާފަ އެވެ.
ޑިފެންސަށް ވަރަށް ބޮޑަށް އިސްކަންދީގެން ފަސް ޑިފެންޑަރުންނާއިއެކު ކުޅެމުންދިޔަ ވޮލްވްސްގެ ގޯލު އާސެނަލް އަށް ހުޅުވާލެވިފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 20 މިނިޓަށް ވެފައިވަނިކޮށެވެ.
އެއީ އާސެނަލް އަށް ލިބުނު ކޯނަރެއް ބުކަޔޯ ސަކާ ނަގައިދިން ވަގުތު އެ ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ވޮލްވްސްގެ ސޭން ޖޯންސްޓޯން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
ނަމަވެސް މެޗުގެ 90 ވަނަ މިނިޓުގައި ވޮލްވްސް އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޓޮލޫ އަރޮކޮޑާރޭ އެވެ.
މި މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އާސެނަލް އަށް ތިން ޕޮއިންޓް ކަށަވަރުވެފައިވަނީ ވޮލްވްސްގެ ޔާސަން މޮސްކޭރޭ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
މި ނަތީޖާ އާއިއެކު އާސެނަލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން ޖުމްލަ 36 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް 31 ޕޮއިންޓް ލިބިފައިވާއިރު ވޮލްވްސް އަށް 16 މެޗުން ލިބިފައިވާ 2 ޕޮއިންޓާއެކު އޮތީ ތާވަލުގެ ފުލުގަ އެވެ.