ޚަބަރު

އޯއޭސީޕީއެސްގެ ކައުންސިލް އޮފް މިނިސްޓަރސް ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ


  • މިއީ "ޖޯޖްޓައުން އެގްރީމެންޓް" ގެ ދަށުން އުފައްދާފައިވާ ޖަމުޢިއްޔާއެއް

  • ދިވެހިރާއްޖެ އޯ.އޭ.ސީ.ޕީ.އެސް.ގެ ފުރިހަމަ މެންބަރު ޤައުމަކަށްވެފައިވަނީ 9 ޑިސެމްބަރ 2022ގައި

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ 120 ވަނަ ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެެއްޖެއެވެ.

މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަންއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ގީލާ އަލީއެވެ. ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި މި ބައްދަލުވުން ކުރިއަށް ގެންދިޔައީ މިމަހުގެ 12 އިން 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ގީލާ އަލީ ދެއްކެވި ވާހަކަފުޅުގައި، އޯ.އޭ.ސީ.ޕީ.އެސް.ގެ ސެކްރެޓަރީ ޖެނެރަލް، މޫސާ ސާލެހް-ބަޓްރާކީ އެކުލަވާލާފައިވާ އިސްލާހީ އެޖެންޑާ އަށް މަރުހަބާ ވިދާޅުވިއެވެ. އަދި އެ ޖަމިއްޔާއަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ކުރެވޭ މަސައްކަތްތަކާއި، މެންބަރު ޤައުމުތަކުގެ މެދުގައި އިޤްތިސާދީ ގުޅުންތައް ގާއިމުކޮށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަންއެރުވިއެވެ.

އޯ.އޭ.ސީ.ޕީ.އެސް. އަކީ، 1975 ގައި ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް" ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ޤައުމުތަކުގެ މެދުގައި އުފައްދާފައިވާ 79 ގައުމެއް ބައިވެރިވެފައިވާ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އޯ.އޭ.ސީ.ޕީ.އެސް.ގެ ފުރިހަމަ މެންބަރު ޤައުމަކަށްވެފައިވަނީ 9 ޑިސެމްބަރ 2022އެވެ.