ކުޅިވަރު

ޓާސްޓެގަން ފިޓްވިޔަސް ޓީމުން ޖާގައެއްނެތް: ކޯޗު


ބާސެލޯނާގެ ގޯލްކީޕަރު އަދި ކެޕްޓަން މާކް އަންދްރޭ ޓާސްޓެގަން ފިޓްވެ ކުޅެވޭ ހާލަތަށް އައި ނަމަވެސް އޭނާ އަށް ޓީމުން ޖާގަ ނެތްކަން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

ކުރިން ޖަރުމަނުގެ ގައުމީ ޓީމުގައި ވެސް ޓާސްޓެގަން އަށް ކޯޗުކޮށްދިން ފްލިކް ބުނީ ބާސެލޯނާގެ އެއްވަނަ ގޯލްކީޕަރަކީ މި ސީޒަނުގައި ޓީމާ ކުޅުނު ޒުވާން ކީޕަރު ޖޯން ގާސިއާ ކަމަށެވެ.

"އެއީ ޝައްކެއްވެސް ނެތް ކަމެއް. އަހަރުމެންގެ އެއްވަނަ ކީޕަރަކީ ޖޯން. އެ ނިންމުމަށް ބަދަލެއް ނާންނާނެ،" ކޯޗު ބުންޏެވެ.

ނަމަވެސް ކުރިއަށް އޮތް ކޮޕާޑެލްރޭ މެޗުގައި ފަހަރުގައި އޭނާ އަށް ފުރަތަމަ 11އިން ޖާގަ ދީފާނެ އެވެ. ނަމަވެސް އެއީ ގޭސްޓްރިކްޓްގެ އުނދަގޫތަކާ ހެދި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ބެންޗަށް ނާދެވުނު ވޮޝްނިއާ ޝެޒްނީ އަށް ނުކުޅެވޭނަމަ އެވެ.

ފްލިކް ބުނީ ބާސެލޯނާގައި މޮޅު ތިން ކީޕަރުން ތިބުމުން އޭނާ އުފާ ކުރާ ކަމަށެވެ. ނަމަވެސް ފާއިތުވެދިޔަ 11 އަހަރު ބާސެލޯނާގައި ހޭދަކުރި ކީޕަރުގެ ކުރިމަގު މިހާރު އޮތީ އޭނާގެ އަތްމަތީގައި ކަމަށެވެ.

"އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އަދި އޭނާ އަކީ ވަރަށް ރަނގަޅު މީހެއް. އެކަމަކު އޭނާގެ ކުރިމަގު ކަނޑައަޅަން ޖެހޭނީ އޭނާ. އަހަރުމެން ވަރަށް ސާފުކޮށް ބުނަމުން މިދަނީ ޓީމުގެ އެއްވަނަ ކީޕަރަކީ ޖޯން ގާސިއާ ކަމަށް. ދެން ހަނދާން ނައްތާލައިގެން ނުވާނެ ޝެޒްނީގެ މަތިން. އޭނާ އަކީ ދަނޑުމަތީގަ އާއި ދަނޑުބޭރުގައި ވެސް ވަރަށް މުހިންމު ކުޅުންތެރިއެއް. އޭނާ ވަނީ ހުސްވި ސީޒަނުގައި އޭނާ ގޯލުގައި ހުރެގެން ތިން ތަށި ހޯދާދީފައި. އަދި ޖޯން އަށް މި ސީޒަނުގައި އަނިޔާވުމުން ވެސް ޓީމަށް ހަމަޖެހުން ގެނެސްދީފައި،" ފްލިކް ބުންޏެވެ.

ޕޮލެންޑްގެ ކީޕަރު ޝެޒްނީ އަކީ ހުސްވި ސީޒަން ފެށިތަނާހެން ޓާސްޓެގަން އަށް އަނިޔާވުމުން ޓީމަށް ގެނައި ކީޕަރެކެވެ. އޭނާ ހުރީ ފުޓްބޯޅަ ކުޅުން ހުއްޓާލައިގެންނެވެ. ނަމަވެސް ބާސެލޯނާ އަށް އައިސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ޓާސްޓެގަން އަށް އަނިޔާގެ ސަބަބުން ފުޓްބޯޅަ ނުކުޅެ ހުންނަތާ މިހާރު ދޮޅު އަހަރުވެއްޖެ އެވެ. މިހެންވެ އޭނަ އަށް ޖަރުމަނުގެ ގައުމީ ޓީމުގެ އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ލިބެން އޮތީ އެންމެ ގޮތަކަށެވެ. ގައުމީ ކޯޗު ހޫލިއަން ނާގެންލްމަން ބުނީ ޓީމުގެ އެއްވަނަ ކީޕަރުކަން ލިބޭނީ ގަވާއިދުން ކުޅެގެން ކަމަށެވެ. މިހެންވެ ވޯލްޑް ކަޕުގައި ކުޅެން ބޭނުންވާނަމަ އުމުރުން 33 އަހަރުގެ ޓާސްޓެގަން އަށް ޖެހޭނީ ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ބާސެލޯނާ ދޫކޮށް އެހެން ޓީމަކަށް ދާށެވެ. ޖަރުމަނުގެ އެއްވަނަ ކީޕަރުކަން ޓާސްޓެގަން ބޭނުންވާނެކަން އެނގޭތީވެ ބާސެލޯނާ ވެސް ވަނީ މީގެ އެޑްވާންޓޭޖް ނަގަމުންނެވެ.