ޚަބަރު

"އެކްސަސައިޒް އެކަތަ 8" ކާމިޔާބުކަމާއެކު ނިންމާލައިފި


  • މިއީ ކޮންމެ އަހަރަކު ޜާއްޖެއާ އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ހިންގާ ތަމްރީނެއް

  • އަސްކަރިއްޔާގެ އެކި ދާއިރާތަކުން އޮފިސަރުން ތަމްރީން ކުރޭ

އެމްއެންޑީއެފާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެކްސަސައިޒް އެކަތައިގެ 8ވަނަ ސިލްސިލާ، ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

މި އެކްސަސައިޒް ނިންމުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކުއާޓަރުގައި އިއްޔެ ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

މިއަހަރުގެ އެކްސަސައިޒް ކުރިއަށްގެންގޮސްފައިވަނީ ނޮވެންބަރު 20އިން ޑިސެންބަރު 17ގެ ނިޔަލަށެވެ. މި އެކްސަސައިޒްގައި އެމްއެންޑީއެފް މެރިން ކޯރ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ އޮޕަރޭޓިވްސްއާއި އެމްއެންޑީއެފް މެރިން ކޯރ، އެމްޑީޔޫތަކުގެ މެރީންސްގެ އިތުރުން އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރއާއި އެމްއެންޑީއެފް ސަރވިސް ކޯރއަށް ނިސްބަތްވާ ސިފައިން ބައިވެރިވިއެވެ.

މި އެކްސަސައިޒްގައި ކްލޯސް ކުއަރޓާ ބެޓަލް، ބްރީޗިންގ ޓެކްނީކްސް، ލައިވް ފަޔަރިން، ވީބީއެސްއެސް، ސްޕެޝަލް ހެލިބޯން އޮޕަރޭޝަން، އަންޑަރ ވޯޓަރ ޑިމޮލިޝަން އަދި އެއަރ ޑައިވިން (ސަރފޭސް ސަޕްލައި) ފަދަ ބައިތަކުގެ ތަމްރީނުތައް ކުރިއަށްގެންދިޔަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

މި އެކްސަސައިޒް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ހައިކޮމިޝަނަރ، ޖީ ބަލަސުބްރަމަނިއަންއާއި، އިންޑިއަން ނޭވީގެ ޑެޕިއުޓީ ޗީފް އޮފް ނޭވަލް ސްޓާފް، ވައިސް އެޑްމިރަލް ތަރޫން ސޮބްތީއާއި، އެމްއެންޑީއެފްގެ އިސްވެރިންނާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާޗޭ، ކެޕްޓަން ދީޕަކް ބާލީ ބައިވެރިވެވަޑައިގެންނެވިއެވެ.