ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ އަހަރީ މުރާޖާ ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މުރާޖާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖުތާޒެވެ.
ސިޓީތަކާބެހޭ ވުޒާރާގެ އަހަރީ މުރާޖާގެ މައިގަނޑު މަޤުޞަދަކީ، އެ ވުޒާރާގެ ޑިޕާޓްމަންޓުތަކުން މި ހިނގާ 2025 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކާއި، ދިމާވި ގޮންޖެހުންތަކާއި އަދި ކުރިއަށް އޮތް 2026 ވަނަ އަހަރަށް ރާވާފައިވާ ކަންކަން ހުށަހަޅައި ދިނުމެވެ.
މި ސެޝަން ފައްޓަވައި ދެއްވައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖުތާޒު ވިދާޅުވީ، އަހަރީ ޕްލޭން މުރާޖާ ކުރުމަކީ މަސައްކަތް ހަރުދަނާ ކުރުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. މީގެ ސަބަބުން ކުރިއަށް އޮތްތަނުގައި ވުޒާރާގެ ހިންގުން އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މުރާޖާ ކުރާ މީހަކީ، އޭނާގެ ދިރިއުޅުމުގައި އިތުރު ހަރުފަތަކަށް ދާން މަސައްކަތް ކުރާ. އަދި އޭނާއަށް ލިބިފައިވާ ހުނަރާއި ޢިލްމު ރަނގަޅު ހިސާބަކަށް ގެންދިއުމަށް މަސައްކަތް ކުރާ، އޭނާގެ ދިރިއުޅުން އަދި މުސްތަޤުބަލު ކާމިޔާބު މީހަކަށް ހެދުމަށް މަސައްކަތް ކުރާ މީހެއް،" ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އެ ވުޒާރާއިން ކޮންމެ އަހަރު ބާއްވާ އަހަރީ މުރާޖާއަކީ ވުޒާރާގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށެވެ. މީގެ ސަބަބުން އަހަރުގެ ތެރޭގައި ވުޒާރާގެ މަސައްކަތްތައް ކުރިއަށް ގެންދެވުނު ގޮތް ބަލައި، ކުރިއަށް އޮތްތަނުގައި ރަނގަޅު ކުރަންވީ ކަންކަން ދެނެގަނެ މަސައްކަތްތައް އިތުރަށް ހަލުވި ކުރުުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެ ވުޒާރާގެ ކޮންމެ މުވައްޒަފަކީވެސް ވަރަށް ޚާއްސަ މުވައްޒަފެއް ކަމަށާއި، ވަޒީފާގައި ކުރިއަށް ދިއުމުގެ ފުރުޞަތު ކޮންމެ މުވައްޒަފަކަށްވެސް ހުޅުވާލާފައިވާ ކަމަށެވެ. އަދި ވަރުގަދަ އަޒުމެއްގައި، ނަޒާހަތްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތް ކުރާ މުވައްޒަފުންނަށް ކުރިއެރުން ލިބޭނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ދެއްވިއެވެ.
"ކޮންމެ މީހަކަށްވެސް މިތަނުގައި ބޮޑު މީހަކަށްވެވިދާނެ. ސީނިއަރ މީހަކަށް ވެވިދާނެ. މަސައްކަތް ކުރުމުގައި އަޅުގަނޑުމެންގެ އަމާޒަކީ އެ މީހާ ކުރާ މަސައްކަތް. އެ މަސައްކަތް މިނިސްޓްރީއަށް މުހިންމުވާ ކަމަކަށް ވެއްޖެއްޔާ ކޮންމެ މުވައްޒަފަކީވެސް އަޅުގަނޑުމެންނަށް މުހިންމު އަދި ބޭނުންތެރި މުވައްޒަފެއް،" ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
ވަޒީރު އާދަމް ޝަރީފު ވިދާޅުވީ، ވުޒާރާގެ މަސައްކަތްތަކާއި އޮނިގަނޑަށް ބަދަލު ގެންނަންޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެގޮތުން، ކޮންމެ މުވައްޒަފެއްގެ ކިބައިގައިވެސް "ޓްރާންސްފޮމޭޝަނަލް ލީޑަރޝިޕް" ކޮލިޓީ އަށަގަތުމަކީ މުހިންމު ކަމެއް ކަމަށާއި، އޭގެ ސަބަބުން މުވައްޒަފުންގެ ހަޤީޤީ ހުނަރު ދެއްކުމަށާއި އެކަކު އަނެކަކަށް އެހީތެރިވާ މާޙައުލެއް އުފެއްދުމަށް ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އައު އީޖާދުތަކާއެކު މަސައްކަތް ކުރުމުގެ ވިސްނުމާއި، މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރާނެ ބަޔަކަށް މުވައްޒަފުން ހެދުމަށްވެސް މި ލީޑަރޝިޕް މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މުވައްޒަފުންނަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ވުޒާރާއިން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.