ޚަބަރު

އެންޖީއޯ ވޯކިންގ ސްޕޭސް ޖަމްޢިއްޔާތަކަށް ހިލޭ ބޭނުންކުރެވޭނެ


  • ޒުވާނުން ވެހީގައި، މަދަނީ ޖަމިއްޔާތަކަށް ހާއްސަ ކުރެވިފައިވާ ދެކޮޓަރިއެއް ހުންނާނެ

  • ޒުވާނުންގެ ވެހީގައި ފުރަތަމަ ފްލޯގައި ތަމްރީނު ހޯލެއްވެސް ހާއްސަ ކުރެވިފައިވޭ

މަދަނީ ޖަމިއްޔާތަކުން އެކި ފޯރަމްތަކާއި ބައްދަލުވުންތައް ބޭއްވުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން، ޒުވާނުންގެ ވެހީގެ ވަކި މާލަންތަކެއް އެއްވެސް ފީއެއް ނެގުމަކާ ނުލާ ހިލޭ ދޫކުރާނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާ ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ސިވިލް ސޮސައިޓީ އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާ ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ މަދަނީ ޖަމިއްޔާތަކުން އެ ވުޒާރާއަށް އެންމެ ގިނައިން ހުށަހަޅާ ޝަކުވާއަކީ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ޖާގައިގެ ތަނެއް ލިބުމަށް ދިމާވާ ދަތިތަކާއި ގުޅޭ ކަންބޮޑުވުންތައް ކަމަށެވެ. އެގޮތުން މިކަމަށް ހައްލެއް ހޯދައިދިނުމަށް ޒުވާނުން ވެހީގައި، މަދަނީ ޖަމިއްޔާތަކަށް ހާއްސަ ކުރެވިފައިވާ ދެކޮޓަރިއެއް ހުންނާނެކަމާއި، މީގެ އިތުރުން ތަމްރީނު ކްލާސްތައް ހިންގުމަށްޓަކައި ޒުވާނުންގެ ވެހީގައި ފުރަތަމަ ފްލޯގައި ތަމްރީނު ހޯލެއްވެސް ހާއްސަ ކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޖާގަ ކަނޑައަޅާފައި ވަނީ ޔޫތު ހަބް އިމާރާތުގެ ފުރަތަމަ ފަންގިފިލާގައިކަން ފާހަގަކުރައްވައި ވިދާޅުވީ މިތަނަށް ދީފައިވާ ނަމަކީވެސް ”އެންޖީއޯ ވޯކިންގ ސްޕޭސް“ ކަމަށެވެ.

މަދަނީ ޖަމިއްޔާތަކަށް ބައްދަލުވުންތަކާއި، މަސައްކަތްކުރުމަށް ޖާގައެއް ނެތުމުން ދަތިތައް ދިމާވާއިރު، އެކަމާއި ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މި ޖާގަ މެދުވެރިކޮށް މިކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މަދަނީ ޖަމިއްޔާތަކުން މި ޖާގަ ބޭނުން ނުކުރާ ވަގުތުތަކުގައި އެހެން ފަރާތްތަކުން ބޭނުންކުރާނަމަ އަގެއް ނެގި ނަމަވެސް މަދަނީ ޖަމިއްޔާތަކުން ބޭނުންކުރުމުގައި އެއްވެސް އަގެއް ނުނަގާނެކަމަށް ވިދާޅުވިއެވެ.

" އުޞޫލެއް މިހާރު ހަދައިފިން. ވަރަށް އަވަހަށް އާންމުކުރެވޭނެ. އުޞޫލްގައި އޮންނާނީ ޤަވައިދުން ރަޖިސްޓްރީކޮށްގެން ހިންގާ ޑޮކިއުމަންޓްތައް ހަމަ، ދަފްތަރުގައި ޖެހިފައިތިބި ޖަމިއްޔާތަކަށް ، މިތަނުގައި ޖަމިއްޔާތަކަށް ޚާއްސަކޮށްފައިވާ ރޫމްތައް އެއްވެސް ފީއަކާ ނުލާ ހިލޭ ދޫކުރާނެ. ވަރަށް ގިނަ ޖަމިއްޔާތަކުން މަސައްކަތް ކުރޭ، ވަރަށް ގިނަ ހަރަކާތްތަކެއް ހިންގާ ނަމަވެސް އުޞޫލަށް ވަނުމުގައި ޑޮކިއުމަންޓްތައް ހަމަކުރުމުގައި ކޮންމެވެސް ދައްޗެއް އުޅޭ. އެކަމަށްވެސް ބާރެއް އެލުމުގެ ގޮތުން މިތަންތަން ޤަވައިދުން ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ހިލޭ ދިނުމަށް ނިންމީ." ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާ ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަހަރު ސިވިލް ސޮސައިޓީ އެވޯޑު 7 ޖަމިއްޔާއަކަށް ލިބުނު ނަމަވެސް، 2026 ވަނަ އަހަރުގެ މި އެވޯޑަށް ގިނަ ދާއިރާތަކެއް އިތުރުކޮށް ގިނަ ޖަމިއްޔާތަކެއްގެ އަގު އެ ވުޒާރާއިން ވަޒަން ކުރައްވާނެ ކަމަށެވެ. އަދި އެ އެވޯޑުގެ ސަބަބުން މަދަނީ ޖަމިއްޔާތަކުގެ ހަރަކާތްތައް އިތުރަށް ހަރުދަނާވެ ގައުމީ ތަރައްގީގައި އެފަރާތްތަކުގެ ދައުރު ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މަދަނީ ޖަމިއްޔާތަކުން ރަށްރަށުގައި އަތޮޅު ފެންވަރުގައި ހިންގާ ހަރާކާތްތަކަށް ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ދެމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ 15 ޖަމިއްޔާއަކަށް އެހީތެރިކަން ފޯރުކޮށްދިން އިރު އެކަށީގެންވާ ގޮތުގައި އެކި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައިނުވާކަމަށެވެ. އެކި ޖަމިއްޔާތަައް އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައި ތިބިކަމަށާއި ދިމާވެފަިއވާ ދަތިތައް ހިއްސާކޮށް އެ މަޝްރޫޢޫތައް ކުރިއަށްގެންގޮސް ނިންމުމަކީ އެކަމާ ގުޅުންހުރި ރައްޔިތުންނަށްޓަކާ ނިންމަންޖެހޭކަމަށެވެ.