ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ އަމާން އުދަރެސް ޓަވަރުގައި އާބަން ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ ޖެނަރަލް ޕްރެކްޓިސްގެ ކްލިނިކެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އަމާން އުދަރެހުގެ 6ވަނަ ޓަވަރުގައި ޖީޕީ ކްލިނިކް ގާއިމްކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީ އާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ދެމެދު ކޮމާޝަލް ޔުނިޓް ބޭނުންކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި މަހުގެ 9ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން އަމާން އުދަރެސްގެ 6ވަނަ ޓަވަރުން 6788.43 އަކަފޫޓުގެ ޖާގައިގެ ޔުނިޓެއް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް ވަނީ ދޫކޮށްފައެވެ.
ޖީޕީ ކްލިނިކްގެ މަސައްކަތް ފަށާފައިވާއިރު މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާގް ހަލީމާއި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވަނީ އެތަނަށް ޒިޔާރަތް ކުރައްވާފައެވެ.
މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު އިބްރާހިމް ޢަބްދުއްރައްޒާގް ހަލީމް ވިދާޅުވީ އަމާން އުދަރެހުގައި ގާއިމްކުރާ ޖީޕީ ކްލިނިކްގައި އިތުރު ޚިދުމަތްތައްވެސް ދެވޭނެ ކަމަށެވެ. އެގޮތުން ވެކްސިން ދިނުމާއި ކުޑަކުދިންގެ ހެދިބޮޑުވުން ބެލުމާއި ވެލްނަސް ކްލިނިކެއްގެ އިތުރުން ކައުންސެލިންގެ ޚިދުމަތާއި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ދެވޭ ފަރުވާ އެ ކްލިނިކުން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ތަޖުރިބާކާރު ޖެނެރަލް ޕްރެކްޓިޝަނަރުން މެދުވެރިކޮށް އެ ކްލިނިކުން ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ އަމާން ޓަވަރުތަކުގައި މީހުން އާބާދުވާން ފަށާފައިވާއިރު ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ދެވޭނެ ނިޒާމު އެ ޓަވަރުތަކުގައި ހަމަޖެހިފައިވާގޮތް ހެދުން ކަމަށެވެ.
އެފްޑީސީން ވިދާޅުވީ ޖީޕީ ކްލިނިކް ހިންގާ ޖާގަ ހުޅުމާލެ ހޮސްޕިޓަލާ އެކުންފުނިން ހަވާލުކޮށްފައިވަނީ ސަރުކާރުގެ ނޭޝަނަލް ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން ކަމަށާއި އެހެންވެ އެ ޖާގައަށް މެއިންޓަނަންސް ފީގެ އިތުރަށް އެއްވެސް ކުއްޔެއް ނުނަގާނެ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ވެސް ޖީޕީ ކްލިނިކެއް ހިންގައެވެ. ހިޔާ ޓަވަރު 16ގައި ހިންގާ އެ ކުލިނިކުން 24 ގަޑިއިރަށް ޚިދުމަތް ދޭން ފެށީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަކުރެއްވުމުގެ ގޮތުން އަދުގެ ސަރުކާރުން މާލެ ސަރަޙައްދުގައި ޤާއިމުކުރެއްވި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ހުޅުވާފައިވަނީ މިިދިޔަ މަހުގައެވެ. މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ޖީޕީ ކްލިނިކްތަކުގެ އިތުރަށް އަތޮޅުތެރޭގައިވެސް އެފަދަ ސެންޓަރުތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.