ކުޅިވަރު

މެސީ އާއި ޔަމާލްގެ ކުރިމަތިލުން ގަތަރުގައި


ޔޫރަޕުގެ ޗެމްޕިއަން ސްޕޭނާއި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ ބައްދަލުކުރާ ފައިނަލިސިމާ ފައިނަލް މެޗު އަންނަ އަހަރުގެ މާޗު މަހު ގަތަރުގައި ކުޅެން ނިންމައިފި އެވެ.

މިއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވާ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އާއި ސްޕޭނުގެ ޒުވާން ފޯވަޑް ލަމީން ޔަމާލްގެ ފުރަތަމަ ކުރމަތިލުމެވެ. މާޗު މަހުގެ 27 ވަނަ ދުވަހު ގަތަރުގައި ކުޅޭ މެޗު މިހާރު ޕްރޮމޯޓް ކުރަމުންދަނީ ވެސް މި ދެ ކުޅުންތެރިން އިސްކޮށް ބައިތިއްބައިގެންނެވެ.

އުމުރުން މިހާރު 37 އަހަރުގެ މެސީ އާއި ޔަމާލްގެ ކުރިމަތިލުން ޝައުގުވެރިވާ ގިނަ ސަބަބުތަކެއްވެ އެވެ. ދެ ކުޅުންތެރިން ނިސްބަތްވަނީ ސްޕޭނުގެ ބާސެލޯނާ އަށެވެ. މެސީ އަކީ ބާސެލޯނާގެ ތާރީހުގައި ފެނިގެންދިޔަ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ކުޑައިރުން ފެށިގެން ބާސެލޯނާގައި 25 އަހަރު ހޭދަކުރުމަށްފަހު އޭނާ ކުލަބާ ވަކިވީ މަޖުބޫރީ ހާލަތެއްގަ އެވެ. އޭރު އޭނާ އަކީ ބާސެލޯނާ އަށް އެންމެ ގިނަ ގޯލު ޖަހައިދީ އަދި އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާއަށްވި އެވެ.

އުމުރުން 18 އަހަރުގެ ޔަމާލަކީ މެސީ އޭނާގެ ޅަ އުމުރުގައި ދެއްކި ކުޅުންތެރިން ދައްކާނެ ކުޅުންތެރިޔާ ކަމަށް ވަރަށް ގިނަ ބަޔަކު ބުނަމުންދެ އެވެ. އަދި ޔަމާލް ތުއްތުއިރު އޭނާ އުރައިގެން މެސީ އިން ފޮޓޯ އެއް ވެސް އާއްމުވުމާއެކު މި ދެ ކުޅުންތެރިންނާ ގުޅުވައިގެން ދެކެވޭ ވާހަކަތައް ގިނަ އެވެ.

މިހެންވެ ޔަމާލް އާއި މެސީގެ ބައްދަލުކުރުން ވާދަވެރިވެފައި ފޯރި ވެސް ގަދަވާނެ އެވެ. މި މެޗު ގަތަރުގައި ކުޅޭނީ އެ ގައުމުގެ ލުސައިން ސްޓޭޑިއަމުގަ އެވެ. ފައިނަލިސިމާ އަކީ ޔޫރަޕުގެ ޗެމްޕިއަނުންނާއި ދުނިޔޭގެ ޗެމްޕިއަނުން ކޮންމެ ހަތަރު އަހަރުން ކުޅޭ ފައިނަލެކެވެ. އެންމެ ފަހުން ކުޅުނު މި ފައިނަލް އޭރުގެ ޔޫރަޕުގެ ޗެމްޕިއަން އިޓަލީ ބަލިކޮށް ކާމިޔާބު ކުރީ އާޖެންޓީނާ އެވެ.

ގަތަރުގެ ކުޅިވަރާބެހޭ ވަޒީރު އަދި ލޯކަލް އޮގަނައިޒިން ކޮމިޓީގެ ޗެއާމަން ޝައިހް ހަމަދްބިން ހަލީފާ ބިން އަހުމަދު އަލް ތާނީ ވިދާޅުވީ މި މެޗުގައި ގަތަރުގައި ކުޅުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި ޔޫރަޕުގެ ފުޓްބޯޅަ ޖަމާއަތުގެ ރައީސް އެލެގްޒެންޑާ ސެފެރިން ވިދާޅުވީ މިއީ މިއީ ދެ ބައެއްގެ ފުޓްބޯޅައިގެ ގުޅުން ދައްކުވައިދޭނެ މެޗެއް ކަމަށެވެ. މިވާހަކަ ދެކުނު އެމެރިކާގެ ފުޓްބޯޅަ ޖަމާއަތުގެ ރައީސް އަލެހަންދްރޯ ޑޮމިންގުއޭޒް ވެސް ވަނީ ތަކުރާރުކުރައްވާފަ އެވެ.