ކުޑަ ކުދިންނަކީ މިޤައުމުގެ މާދަމާއެވެ. ޤައުމުގެ ހުންގާނުގައި ހިފަންތިބި ބަޔަކީ މިއަދު މަދުރަސީ ޙަޔާތް ކަޑައްތު ކުރަމުންދާ ކުދިންނެވެ. އެކުދިންގެ ކިބައިން މިއަދު ފެންނަ އަޚްލާޤީ ފެންވަރާއި، އެކުދިންގެ ހުނަރާއި ޤާބިލުކަމަކީ މިޤައުމުގެ މާދަމާގެ ޙަގީގަތެވެ. މިއަދު އަޑުއިވިގެންދިޔައީ ޤައުމުގެ މުސްތަޤުބަލު، ކަންބޮޑުވާ ނުރައްކާތެރި ދިމާލަކަށް ދާކަމުގެ ޚަބަރެވެ.
ސަރުކާރުގެ ތަންފީޒީ އިދާރާތަކުން ކުށްތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޤައުމުގެ ކޮންމެ ފަރުދަކުވެސް ވިސްނަންޖެހޭ، ކަންބޮޑުވާންޖެހޭކަމެއް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ކުށުގެ ވެށިން، ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުން ނުވަތަ ޢުމުރުން 18 އަހަރުގައި ސްކޫލް ނިމިގެން ނުކުންނަ ކުދިން ފެންނަ މަންޒަރު އިތުރުވަމުންދާކަމުގެ ކަންބޮޑުވުމެވެ. މިއީ ކުޑަކަމެއް ނޫނެވެ. މިއީ ނުރައްކަލުގެ ރަނގަބީލެކެވެ. މިއީ ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ކުދިންނަށް ސަމާލުކަން ދޭންޖެހޭކަން ހާމަވާ ކަމެކެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް، އިސްމާޢީލް ނަވީން ވިދާޅުވީ، މަގުމަތި ޕެޓްރޯލްކުރަމުންދާއިރު ކުޑަކުދިންގެ ކަންތައްތައް ކަންބޮޑުވާ ދަރަޖައެއްގައި ފެންނަމުންދާކަމަށެވެ.
"މިހާރު ފެންނަނީ އައު މޫނުތަކެއް. ކުޑަކުދިން ފެންނަނީ. އެންމެ ފަހުން އޯލެވެލް ހެދި ނުވަތަ މިދިޔަ އަހަރު އޯލެވެލް ހެދި ކުދިން ކިރިޔާ 18 އަހަރުވީ ކުދިން ނޫނީ 17 އަހަރުގެ ކުދިން މިހާރު އެފެންނަނީ އަޅުގަނޑުމެން ހޮޓްސްޕޮޓް މިގްރޫޕްތައް އެއްވާ ތަންތަނުން." ސީޕީ ވިދާޅުވިއެވެ.
ޢުމުރުން 18 އަހަރު ނުވާ ކުދިންގެ ޒިންމާ ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ނަގަން އެބަޖެހެއެވެ. ކުށުގެ ވެށިން ކުޑަކުދިން ފެނުމަކީ މިއީ ކޮންމެ ދިވެއްސެއްގެ ކަންބޮޑުވުމަކަށްވާންޖެހޭނެއެވެ. އަދި ކުށްކުރާ ތަންތަނުން ކުޑަކުދިން ފެންނަ ނިސްބަތް ކަންބޮޑުވާ ދަރަޖައަށް އިތުރުވަމުންދާކަން ކަމާބެހޭ ފަރާތްތަކުންދަނީ ފާހަގަކުރަމުންނެވެ.
ކޮންމެ ކުއްޖަކީވެސް މޮޅު އަދި ބަސް އަހާ އަދި ހުނަރުވެރި ކުއްޖަކަށް ހެދުމަކީ ކޮންމެ ބެލެނިވެރިއެއްގެވެސް އުއްމީދެވެ. އެހެންނަމަވެސް ބެލެނިވެރިން ވަރިވުމާއި، ޢާއިލީ މައްސަލަތަކާއި، ކުދިން ކުޑައިރު އަޅާލާ، ސަމާލުކަން ދޭންޖެހޭ މިންވަރަށް އެސަމާލުކަން ނުލިބުމާއި، މުޖުތަމަޢުގައި އޮންނަ ތަފާތުކުރުމުގެ ތެރެއިން ކުދިން ބާކީވެ، އަދި ބައެއް ކުދިން ހަނގާގެ ޝިކާރައަކަށްވެގެންދާއިރު އަނެއް ބައި ކުދިން އެހެން ކުދިންނަށް ހަނގާކުރާ ކުދިންނަށްވެގެންދާ މަންޒަރު މުޖުތަމަޢުގައިވަނީ އާންމުވެފައެވެ.
ކުޑަކުދިންގެ ހެދިބޮޑުވުމުގައި ކޮންމެ ކުއްޖަކީވެސް ޢާއިލާއާއި މުޖުތަމަޢުގެ ލޯތްބާއި އޯގާތެރިކަމުގައި ބޮޑުވާންޖެހޭ ކުއްޖެއްކަން އެންމެންވެސް ޤަބޫލުކުރެއެވެ. ހަމައެއުސޫލުން ކުދިން ކުށް ކުރުމުން އެކުދިންގެ ޢުމުރާ ގުޅޭ ފަދަ އަދަބުދީ ހަމަ މަގަށް ގެނައުމަކީ ކުދިންގެ ބެލެނިވެރިންގެ ޒިންމާއެކެވެ. ދެމަފިރިން ވަކިވިޔަސް ކުދިންގެ ޒިންމާއިން ވަކިނުވާނެކަން ކޮންމެ މަންމައަކާއި ބައްޕައަކުވެސް ޤަބޫލުކޮށް އަމިއްލަ ޒިންމާ ނަގަން އެބަޖެހެއެވެ. ވަރިވާ ހިސާބުން ކުދިންގެ ޒިންމާއަކީ ވަކި ބެލެނިވެރިއެއްގެ ޒިންމާއެއްގެ ގޮތުގައި ދެކެވޭ ދެކެވުން މިއަދު ބަދަލުވާންޖެހެއެވެ.
ޤައުމުގެ މާދަމާއަކީ އުޖާލާ ފާގަތި މާދަމައަކަށް ހެދުމަށް މިއަދު އަޅުގަނޑުމެން އެންމެ ގުޅިގެން ޤައުމެއްގެ ގޮތުގައި ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތް ކުރަންޖެހެއެވެ. ކުދިން ކުރާ ކުށްތައް ފޮރުވުމުގެ ބަދަލުގައި އެކަންކަމަށް ރީތިގޮތުގައި ފިޔަވަޅު އަޅާ އެކުދިންނަށް ގޯސް ގޯހެއްގެ ގޮތުގައި ތުއްތު އިރުން ފެށިގެން ބުނެދޭބަޔަކަށް ވާންއެބަޖެހެއެވެ.