މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވިމެންސް ލީގުގެ ޝީޑްލް އުފުލާލާނީ ސަޕޯޓުންގެ ހިތްވަރާއެކުގައި ކަމަށާއި، އޮޑިއަކީ ވަރުގަދަ ޓީމެއްކަން ދަނެގެން ކުޅެ ލީގު ކާމިޔާބު ކުރާނެ ކަމަށް މާޒިޔާގެ ކުޅުންތެރިންނާއި ކޯޗު ބުނެފިއެވެ.
މާޒިޔާގެ ކެޕްޓަން ބުނީ މިއީ ސީދާ ތައްޓަށް އަމާޒު ހިފައިގެން ނިކުތް ޓީމެއް ކަމަށާއި، ލީގުގެ ފަހު މެޗުވެސް މާޒިޔާއިން ކާމިޔާބުކުރާނެ ކަމަށެވެ. ގައުމީ ޓީމުގެ ތަޖުރިބާހުރި ގިނަ ކުޅުންތެރިން ހިމެނޭހެން އެކުލަވާލާފައިވާ މާޒިޔާގެ އަންހެން ޓީމުގެ އައިޝަތު މާހީން ބުނީ މި ނިކުންނަނީ އޮޑިއަކީ ވަރުގަދަ ޓީމެއް ކަން ދަނެގެން ވަރުގަދަ ފައިޓެއް ދިނުމަށް ކަމަށެވެ.
އަދި ފުރަތަމަ ލީގުގެ ތަށި ހޯދަން ނިކުންނަ މެޗަށް މާޒިޔާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި، ޓީމެއްގެ ގޮތުގައި މާޒިޔާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލީގުގައި ހޯދިއްޖެ ކަމަށެވެ. އެހެންކަމުން މިއަދުގެ މެޗު ކާމިޔާބުކޮށް ރާއްޖޭގެ ފުރަތަމަ އަންހެން ފުޓުބޯޅަ ލީގުގެ ޝީލްޑް އުފުލާލާނީ މާޒިޔާގެ ސަޕޯޓަރުންގެ ކުރިމަތީގައި ކަމަށާއި، އެދެނީ ވީހާވެސް ގިނަ ސަޕޯޓަރުން އައިސް ދަނޑުގައި ތިބެގެން ހިތްވަރު ދިނުމަށް ކަމަށެވެ.
މާޒިޔާ އަންހެން ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗު އަހުމަދު އަހުސަން ބުނީ ލީގު ދިޔައީ ހީވެސް ނުކުރާހާ ފޯރިގަދަ ހިސާބަކަށް ކަމަށާއި، މިއަދުގެ މެޗުދާނީ ވަރަށް ވާދަވެރިކޮށް ވަރަށް ފޯރި ގަދަކޯށް ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން މިއަދު ސަޕޯޓަރުން ވަރަށް މުހިންމުވާނެ ކަމަށެވެ. އެހެންކަމުން އެދެނީ ވީހާވެސް ގިނަ ސަޕޯޓަރުން މިއަދު ދަނޑަށް އައިސް ޓީމަށް ސަޕޯޓުކޮށްދިނުމަށް ކަމަށެވެ.
"ސަޕޯޓަރުން ވަރަށް މުހިންމުވާނެ. ހުރިހާ ސަޕޯޓަރުންނަށްވެސް ގޮވާލަށް މެޗަށް އައިސް ހިތްވަރުދީ ސަޕޯޓު ކުރުމަށް. މީހަމަ ފެނިގެން މިދިޔައީ ހަގީގަތުގައި ފުޓުބޯޅަ އާއިލާއިންވެސް އުންމީދު ނުކުރާ ހިސާބަށްކަންނޭގެ ފޯރިގަދަވެގެން މިދިޔައީ، އަނެއްކާ މީ ޓޭބަލް ދިޔަ ގޮތުންނާއި ޓީމުތަކުގެ ވާދަވެރިކަމާއި ނިއު، ވިކްޓްރީ، މާޒިޔާ ދެން ހަމަ ފިރިހެން ފުޓުބޯޅައިގައިވެސް ވާދަވެރި ކަމާ އެއްގޮަތަށް އަންހެން ފުޓުބޯޅަވެސް ހަމަ މި ދިޔައީ" ކޯޗު ބުންޏެވެ.
އަދި ހުރިހާ ޓީމަކަށްވެސް ކުރިއެރުންތައް ލިބިއްޖެކަމަށާއި، ބިދޭސީ ކުޅުންތެރިންނާއެކު ޓީމުތަކުން ވަރުގަދަވެގެން އައި ހުރިހާ ޓީމެއްގެ މެނޭޖްމެންޓުތަކުވެސް ވަރަށް ބޮޑަށް މިކަމުގައި ބައިވެރި ޝާމިލުވަމުންދާކަން މިއީ އަންހެން ފުޓްބޯޅައަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށްވެސް އަހުސަން ފާހަގަކުރިއެވެ. އަދި އަންހެން ލީގުން ފެނިގެން މިދަނީ ހުއްޓީފައި އޮތް އަންހެން ފުޓުބޯޅަ ކުރިއަރައިގެން ދިޔަތަން ކަމަށް އޭނާ ފާހަގަކުރިއެވެ.
"ވަރަށް ވާދަވެރިކޮށް ކަންނޭ މިއަދުގެ މެޗުދާނީ. ހުރިހާ ޓީމެއްގެ މެނޭޖުމެންޓުވެސް ވަރަށް ބޮޑަށް އިންވޯލްވެގެންދާތީ މިފާހަގަވީ. އެހެންވީމަ ވަރަށް ބޮޑު ކުރިއެރުމެއް އަންހެން ފުޓުބޯޅައަށް ލިބި ކުރިއަރައިގެން އަރައިގެން ދިޔަތަން މި ފެނުނީ" މާޒިޔާގެ ކޯޗު ބުންޏެވެ.
އަންހެން ލީގުގެ ފަހު މެޗު އޮންނާނީ މިއަދު ހަވީރު ގަލޮޅު ދަނޑުގައެވެ. މި ދެ ޓީމަށް ބަލާއިރު މާޒިޔާއަކީ ކުރިން ގައުމީ ޓީމަށް ކުޅެފައިވާ ތަޖުރިބާހުރި ކުޅުންތެރިންނާއި މިހާރުވެސް ގައުމީ ސްކޮޑުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ފުރަތަމަ 11 ގައި ހިމެނޭ ކުލަބެކެވެ. އަދި މިއީ އަތޮޅު ތެރެއިން އައިސްތިބި ހުނަރުވެރި ކުޅުންތެރިންނާއި ނޭޕާލުގެ ދެ ކުޅުންތެރިން ހިމެނޭ ވަރުގަދަ ޒުވާން ސްކޮޑެއް އޮތް ކުލަބެކެވެ. އޮޑީގައިވެސް ތިބީ ރާއްޖޭގައި ގުނާލެވޭ ފެންވަރުގެ ފާހަގަކޮށްލެވޭ އަންހެން ކުޅުންތެރިންނެވެ.
މިއަދު ކުޅޭ މެޗުން މާޒިޔާއަށް މެޗު އެއްވަރުކޮއްގެން ލީގު ހޯދުމުގެ ފުރަަސަތު އޮތް އިރު އޮޑި އަށް މި މެޗުން މޮޅުވެގެން ނޫން ގޮތަކަށް ލީގު ހޯދުމުގެ ފުރުސަތެއް ނެތެވެ.