ޚަބަރު

މެދުރާއްޖެތެރެއަށް ރީނދޫ ސަމާލު


  • ރީނދޫ ސަމާލު ނެރެފައިވަނީ ޅ އަތޮޅުން ފެށިގެން ވ.އަތޮޅާހަމައަށް

  • ސަމާލު ނެރެފައިވަނީ 12:45 އިން ހަވީރު 4:00އާ ހަމައަށް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ރީނދޫ ސަމާލުނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ޅ.އަތޮޅުން ފެށިގެން ވ.އަތޮޅާހަމައަށް ރީނދޫ ސަމާލުނެރެފައެވެ. ރީނދޫ ސަމާލު ނެރެފައިވަނީ ހަވީރު 4:00އާ ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު، ގުގުރުން އެކަށީގެންވާކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދަނީ އިރުވައި މޫސުން ފެށިގެން ކުރާ ވިއްސާރަކަަމަށާއި، މެދުރާއްޖެ ތެރޭގެ ރަށްތަކަށް ކަނޑުތައް ކުރިއަށް އޮތް 24 ގަޑިއިރުވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ރާއްޖޭގެ އުތުރާއި ދެކުނު ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިހާރު ދައްކާގޮތުން މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ އާދިއްތައިގެ ފަހުންނެވެ.

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ސަލާމަތީ ޚިދުމަތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.