ދެބެއިންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވިގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ 8ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައެވެ.
އެ އެޕާޓްމަންޓުގައި އަޑުގަދަކުރާ ކަމަށް މިއަދު ފުލުހުންނަށް ރިޕޯޓް ކުރި ކަމަށާއި އެ އެޕާރޓްމަންޓަށް ގޮސް ބެލިބެލުމުން ދެބެއިންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގައި ޒަހަމްވެފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ފަލަމަސްގަޑު ފުންކޮށް ކަފައިގެންގޮސް، މައި ނާރު ބުރިވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަނިޔާ ލިބުނު މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.