ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީބޯޅަ ކުޅުންތެރިޔާ އިބްރާހީމް އާދިލް (ކޮއްކޮ) މިރޭ ނިޔާވެއްޖެއެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ލިބަރޯ ކުޅުންތެރިޔާ އަހުމަދު އަދީލް (ބޭބެ)ގެ ކޮއްކޮ، އާދިލް ނިޔާވީ ބަލިވެ އުޅޭތާ ގާތްގަނޑަކަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވުމަށްފަހުއެވެ.
ކޮއްކޮ އަކީ ރާއްޖޭގެ ވޮލީގެ އެންމެ ފޯރިގަދަ ދުވަސްވަރު ހަވީރު ނޫހުން ހޮވި ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅަދާނަ ކުޅުންތެރިއެކެވެ.
ވެލެންސިއާއިން ވޮލީބޯޅައިގެ ތެރެއަށް ވަދެ ގިނަ ކުލަބުތަކަށް ކުޅުނު ކޮއްކޮ ފާހަގަ ކުރެވުނީ ރާއްޖޭގެ އެންމެ މޮޅު އެއް ބްލޮކަރުގެ ގޮތުގަ އެވެ. އަދި އޭނާ ވަނީ މެދުނުކެނޑި 20 އަހަރު ގައުމީ ވޮލީ ބޯޅަ ޓީމަށް ތަފާތު ގިނަ މުބާރާތްތަކެއްގައި ކުޅެ ގައުމީ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.
ރާއްޖޭގައި ބޭއްވި އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ކުލަބު ވެލެންސިއާ އަށް ކުޅެ ކޮއްކޮ ވަނީ 2003 ވަނަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ރިސީވަރުގެ މަގާމު ވެސް ހޯދައިފަ އެވެ. މި ނޫނަސް ގިނަ މުބާރާތްތަކެއްގައި އޭނާ އަކީ އަބަދުވެސް ވަނަ ހޯދި ކުޅުންތެރިއެކެވެ.
އޭނާގެ ދިގު ކެރިއަރުގައި ވަނީ އައްޑު އަތޮޅު ހިޒް ކުލަބާއި، ބަނޑޮސް އޯކިޑާއި ވެލެންސިއާ އާއި އައްޑޫ ސްޕޯޓްސް ކުލަބު ފަދަ ވޮލީގެ ގަދަ ކުލަބުތަކަށް ކޮއްކޮ ވަނީ މޮޅަށް ކުޅެފަ އެވެ.