ޚަބަރު

ބަޔާން މޮޅުވެ ފަރަގު ބޮޑުކޮށްފި


ޖަރުމަނުގެ ބުންޑެސްލީގާގައި ރޭ ހެއިޑެންހޭމް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ ކުރީގައި 9 ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ.

ބުންޑެސްލީގާގައި 2025 ވަނަ އަހަރު ބަޔާން މިއުނިކް ކުޅުނު ފަހު މެޗުން އެ ޓީމު މޮޅުވުމާއިއެކު ވަނީ ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން 41 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް ބޮރޫޝިޔާ ޑޯޓްމަންޑް އަށް ލިބިފައިވަނީ 32 ޕޮއިންޓެވެ.

ރަށުން ބޭރުގައި ބަޔާން މިއުނިކް ކުޅުނު މި މެޗުގެ 15 ވަނަ މިނިޓުގައި ޔޮސިޕް ސްޓެނިސިޗް ވަނީ ލަނޑެއް ޖަހާ ބަޔާން އަށް ކުރި ހޯދަދީފަ އެވެ.

އަދި މެޗުގެ 32 ވަނަ މިނިޓުގައި މައިކަލް އޮލިސޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ބަޔާން މިއުނިކް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ލުއިސް ޑިއާޒް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

އަދި މެޗުގެ އިންޖަރީ ވަގުތުގެ ކުޅުމުގައި ކެޕްޓަން ހެރީ ކޭން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.

ފިނި މޫސުމަށް ބުންޑެސްލީގާގެ ކުޅުން މެދު ކަނޑާލުމަށްފަހު އަލުން ލީގުގެ ކުޅުން ދެން ފެށޭނީ އަންނަ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު އެވެ.