ރާއްޖޭގެ އަރަމުން އަންނަ އަންހެން ޓީޓީ ކުޅުންތެރިޔާ، އައިޝަތު އަލްސާ ނާފިޒު ޖެނުއަރީ 2026ގައި ބާއްވާ ޑަބްލިއުޓީޓީ ކޮންޓެންޑާގެ ދެ މުބާރާތަކަށް ދޯހާއާއި ބަހްރެއިންއަށް ދާން ތައްޔާރުވެއްޖެއެވެ.
ޓީޓީ އެސޯސިއޭޝަނުން ބުނީ މިއީ އޭނާ އަމިއްލަ ގޮތުން ހޯދި ފުރުސަތެއް ކަމަށާއި، މިގޮތަށް އެތުލީޓުން ދާ މުބާރާތަކަށް އެސޯސިއޭޝަނުގެ ފުރިހަމަ އެއްބާރުލުމާއި ސަޕޯޓް ލިބޭނެ ކަމަށެވެ. ގައުމީ ޓީމުގެ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް އިންޓަނޭޝަނަލް އެކްސްޕޯޝަރ މުހިންމު ދައުރެއް އަދާކުރާއިރު އަލްސާ އަކީ ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމުގައި ވިދާލާ މޮޅު ކުޅުންތެރިއެކެވެ. އޭނާވަނީ އެންމެފަހުން ބަހްރެންގެ މަނާމާގައި ބޭއްވި އޭޝިއަން ޔޫތް ގޭމްސް 2025ގައި ވާދަކޮށްފައެވެ.
އަދި މިމަހު ސަޢޫދީ ޢަރަބިއްޔާގެ ދައްމާމުގައި 7- 10 ޑިސެމްބަރަށް ކުރިޔަށް ގެންދިޔަ ޑަބްލިއުޓީޓީ ޔޫތް ކޮންޓެންޑާ 2025 ގ 16 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަކޮށްގަދަ 16 އަށް ދަތުރުކޮށްފައެވެ. އަލްސާއާއި އެކު ޑަބްލިއުޓީޓީ ޔޫތް ކޮންޓެންޑާގައި ވާދަކުރި ރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ އަލީވަނީ ސެމީ ފައިނަލާއި ހަމަށް ދަތުރުކޮށްފައެވެ.
ޕީއެސްއެމް ނިއުސް އާއި މައުލޫމާތު ހިއްސާކުރަމުން އަލްސާ ބުނީ އެސޯސިއޭޝަނާއި ކޯޗުންގެ އެހީތެރިކަމާއެކު ޖެނުއަރީގައި އޮންނަ ޑަބްލިއުޓީޓީ ކޮންޓެންޑާ މުބާރާތްތަަކަށް ތައްޔާރުވަމުން މިއަންނަނީ ރަނގަޅު ކާމިޔާބީއެއްގެ އުންމީދުގައި ކަމަށެވެ. އަދި ބައިނަލްއަގްވާމީ ކުޅުންތެރިންނާ ވާދަކޮށް އަނެއްކާވެސް ރަނގަޅު ކުރިއެރުންތަކެއް ހޯދާ އައު ސްޓައިލްތަކާއި ޓެންޓިކްސް ދަސްކުރުމަށް މަަސައްކަތްކުރާނެ ކަމަށެވެ.
އަލްސާވަނީ ދަންމާމްގައި އޮތްޑަބްލިއުޓީޓީ ޔޫތް ކޮންޓެންޑާގައި 15 އަހަރުން ދަށުގެ ބަޔާއި 17 އަހަރުން ދަށުގެ ބައިގައި ވާދަކޮށް މި ދެބައިންވެސް ގަދަ 16 ގައި ހިމެނިފައެވެ.
ގަދަ 16ގައި އަލްސާ ބަލިވީ މިސްރުގެ ދަލީލާ މަހްގޫބް އަތުންނެވެ. 17 އަހަރުން ދަށުގެ ބައިން އަލްސާ ގަދަ 16 ގައި ބަލިވީ ކަޒަކިސްތާނުގެ އައިނާޒް އަޑިލްގެރެވާ އަތުންނެވެ.
އެ މުބާރާތް ނިންމާލުމަށްފަހު ރާއްޖެއައިސް އަނެއްކާވެސް އަލްސާ ވަނީ ކުރިޔަށް އޮތް ދެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ފަރިތަކުރުންތައް ބާއްވާފައެވެ.
މިއީ އަރުތަ ޕްރޮގްރާމުގެ ދަށުން އަދި ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ މުސާރަބޮޑުކުރުމުގެ ސަބަބުން އެތުލީޓުންނަށް ފަހިވާ ފުރުސަތެއްކަމަށް ފާހަގަކުރެވޭއިރު އަލްސާ މި މުބާރާތުގައި ވާދަކުރަނީ އަމިއްލަ ގޮތުންނެވެ.