ޚަބަރު

"ކުޅިވަރު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ ދަނީ ފެންނަމުން"


  • ފުޓުބޯޅައާއި އެހެނިހެން ކުޅިވަރުތަކުގައިވެސް ކުރިއެރުންތައް ފެންނަކަމަށް ނައިބު ރައީސް ވިދާޅުވި

  • ގުޅިގެން އަންހެން ކުޅުންތެރިން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނާނެ

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ދެ ޖިންސު ހަހަމަކޮށް ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުރެވޭ މަސައްކަތުގެ ނަތީޖާ މިހާރު ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.

އެފްއޭއެމް ވިމެންސް ލީގު 2025 ނިންމުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ ކުޅިވަރުގައި ދެ ޖިންސު ހަމަހަމަކޮށް ގެންދިއުމަށްޓަކައި ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ކަމަށެވެ.

އަދި އެމަގަށް ކުޅިވަރުގެ ކަންކަން ބައްޓަން ކޮށްގެން ކުރިޔަށްދާކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ފުޓުބޯޅައާއި އެހެނިހެން ކުޅިވަރުތަކުގައިވެސް ކުރިއެރުންތައް ފެންނަމުންދާކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގައި ކުރިޔަށްދާ ކާވާ ވޮލީ މުބާރާތަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ މިހާރު ފެންނަނީ ރާއްޖޭގައި ކުޅިވަރުގެ ރޫހު އާލާވެގެން އަންނަ މަންޒަރުކަމަށެވެ.

އެގޮތުން ކާވާ ވޮލީ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ އަންހެން ޓީމުން ދަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރަމުންކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

"މިހާރު އެބަދޭ ވަރަށް ވަރުގަދަ ވޮލީ މުބާރާތެއްވެސް ކާވާ ކަޕް. ގައުމީ އަންހެން ޓީމުވެސް އެ ގެންދަނީ ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރަމުން" ނައިބު ރައީސް ވިދާޅުވިއެވެ.

ސަރުކާރާއި އެސޯސިއޭޝަންތައް ގުޅިގެން އަންހެން ކުޅުންތެރިން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނާނެ ކަމަށް ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ނިމިގެން މިދިޔަ ވިމެންސް ލީގަކީ އެފްއޭއެމްގެ އައު ލީޑަރޝިޕާއެކީ ސަރުކާރާއި އެފްއޭއެމް ގުޅިގެން ވަރަށް ބުރަ މަސައްކަތްކޮށްގެން ޙާސިލުކުރެވުނު ކާމިޔާބީއެއް ކަމަށެވެ.

"ފުޓުބޯޅައިގައި މިހާ ހިސާބަށް އާދެވުނީ އެފްއޭއެމާއި ގުޅިގެން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން. މިކަމުގެ ކާމިޔާބީތައް ފެންނަން މިއޮތީ. ނިމިގެން މިދިޔައީ މިހާތަނަށް ނުދެވޭވަރުގެ ކާމިޔާބު ލީގެއް އަންހެން ބޭފުޅުންނަށް ހާއްސަކުރެވިގެން މިދިޔައީ" ނައިބު ރައީސް ވިދާޅުވިއެވެ.

ކުރިޔަށް އޮތްތަނުގައިވެސް މި މުބާރާތް އިތުރަށް ފުރިހަމަވާނެ ކަމުގައި އެފްއޭއެމްގެ ރައީސް ވިދާޅުވެފައިވާ ކަމަށާއި އުންމީދަކީ ގައުމީ ފެންވަރެއްގައި މިފަދަ މުބާރާތްތައް އަތޮޅުތެރެއިންވެސް ފެނުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެފްއޭއެމް ވިމެންސް ލީގު 2025ގެ ޝީލްޑް އުފުލާލީ ލީގުގެ ފަހު މެޗުގައި 2-0 ގެ ނަތީޖާއަކުން އޮޑި ސްޕޯޓްސް ކުލަބު ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ.