ކުޅިވަރު

ތަށި ދިފާއު ކުރަން އައިވަރީ ކޯސްޓް ތައްޔާރު: ކެސޭއީ


އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ދިފާއު ކުރަން އައިވަރީ ކޯސްޓް ތައްޔާރު ކަމަށް ކެޕްޓަން ފްރޭންކް ޔަނިކް ކެސޭއީ ބުނެފި އެވެ.

ކުރިން ބާސެލޯނާ އާއި އޭސީ މިލާނަށް ކުޅުނު މިޑްފީލްޑަރު ބުނީ އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތަށް ގައުމީ ޓީމު ތައްޔާރުވެފައިވާ މިންވަރާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އައިވަރީ ކޯސްޓް މިރޭ ނުކުންނާނީ މޮޒަންބީކާ ދެކޮޅަށެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ކުރީގެ ޗެމްޕިއަން ކެމަރޫނާއި ގެބޯން އެވެ.

"އަހަރުމެންގެ ގްރޫޕް އޮތް ގޮތުން ދެ ވަނަ މެޗުގައި ކުޅެން މި ޖެހެނީ ކެމަރޫނާ. އެ މެޗާ ކުރިމަތިލުމުގެ ކުރިން އަހަރުމެން ތިން ޕޮއިންޓާއެކު ތިބުމަކީ ވަރަށް މުހިންމު ކަމެއް. އަހަރުމެންގެ ފުރިހަމަ އިހްތިރާމް މޮޒަންބީކަށް އެބައޮތް. އެހެން ނަމަވެސް ފުރަތަމަ މެޗުން މޮޅުވުމަކީ މި މުބާރާތުގައި ވަރަށް މުހިންމު ކަމެއް،" ކެސޭއީ ބުންޏެވެ.

އޭނާ އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތަށް ޓީމު ވަނީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަދި ޓެކްޓިކަލީ ވެސް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.

"ޓީމުގެ ތައްޔާރުވުންތަކަށް ބަލާއިރު މި ޓީމު އެންމެ ބޮޑަށް މަސައްކަތް ކުރީ ޓެކްޓިކަލް ޑިސިޕްލިން ރަނގަޅު ކުރަން. އެހެންވީމާ މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އަހަރުމެންގެ ސަޕޯޓަރުންނަށް ބުނެލަން އޮތީ ޓީމާއެކު ތިބޭށޭ. އަހަރުމެން އެންމެ ތަންކޮޅެއް ވެސް ދޫނުދޭނަން އަލުން މި ތަށި ހޯދާފައި ނޫނީ. އެފްރިކާ ކަޕް ކާމިޔާބު ކުރުމަކީ ކޮންމެ މީހަކު ވެސް ދެކެ ހުވެފަނެއް،" ކެސޭއީ ބުންޏެވެ.

މި މި އަހަރަށް ފަހު އެފްރިކާ ކަޕް ދެން އެންމެ އަވަހަށް އޮންނާނީ 2027 ވަނަ އަހަރު އެވެ. އޭގެ ފަހުން މުބާރާތް ބާއްވާނީ ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު އެވެ.