ޚަބަރު

ސެމެންޔޯ ހޯދުމުގެ ރޭހުގެ ކުރީގައި ސިޓީ


އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ބޯންމަތުގެ ފޯވަޑް އެންޓޮއިން ސެމެންޔޯ ހޯދުމުގެ ރޭހުގެ ކުރީގައި މެންޗެސްޓަރ ސިޓީ އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސިވިލާތުގެ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި މެންޗެސްޓަރ ސިޓީގެ އިތުރުން ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑްގެ އިތުރުން ލިވަޕޫލް އާއި ޓޮޓްނަމް ހޮޓްސްޕަރ އިން ވެސް ވަނީ ސެމެންޔޯ ހޯދުމަށް މަޝްވަރާތައް ކޮށްފަ އެވެ.

ސެނެގާލް އަށް އުފަން ސެމެންޔޯ ބޯންމަތު އާއި ގުޅިފައިވަނީ 2023 ވަނަ އަހަރު އެވެ. އަދި އެ ކްލަބާއިއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން އޭނާ ވިއްކާލުމަށް ހަމަޖެހިފައިވާ އަގަކީ 65 މިލިއަން ޕައުންޑެވެ.

ސެމެންޔޯގެ ރޭހުގެ ކުރީގައި ސިޓީ އޮތްއިރު މިހާރު ކުރިއަށްދަނީ ސިޓީ އާއި ކުޅުންތެރިޔާ އާއި ދެމެދު ކުރަން ޖެހޭ މަޝްވަރާތައް ކަމަށާއި އަދި އޭނާ ސިޓީ އަށް ބަދަލުވުމަށް ނިންމާފައިވާކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ބޯންމަތުގައި މި ސީޒަނުގައި ސެމެންޔޯ މޮޅު ކުޅުމެއް ދައްކަމުންދާއިރު އެ ކްލަބުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފަރ ގައި ވިއްކާލައިފިނަމަ އެ ކްލަބަށް ގިނަ މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނައިގައި މިވަގުތު އޮތް ސިޓީ އިން ލީގު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެ ޓީމަށް އިތުރު ކުޅުންތެރިން އަންނަ ޖެނުއަރީ މަހު ގެންނާނެކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.