ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވޭނެ މަގު ފަހިކުރުމަށް ގިނަ އިންތިޒާމުތައް ހަމަޖެއްސޭތޯ ސަރުކާރުން މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުން އަންނަނީ އެކަމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރައްވަމުން ކަމަށެވެ.
"އިރާދުކުރެއްވިއްޔާ މިކަމުގެ ނަތީޖާ ވަރަށް ފުރިހަމަކޮށް ރައްޔިތުންނަށް ލިބިގެންދާނެ" ނައިބު ރައީސް ވިދާޅުވިއެވެ.
ވޮލީ، ފުޓުބޯޅަ އަދި ފުޓްސަލް އާއި އެހެނިހެން ކުޅިވަރުތަކަށް ބަލާލިކަމުގަވިޔަސް ހަމަ ވަރަށް ބާރަށް އެމަސައްކަތް ކުރިއަށްދާ ކަމަށާއި އެކަންކަން މިސަރުކާރުން ހާސިލް ކުރައްވާނެ ކުރައްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެއަށް ކުޅިވަރުތައް ފުޅާކޮށް އެކި ރީޖަންތަކުގައި މުބާރާތްތައް ބޭއްވެން ޖެހޭ ކަމަށާއި ރަށްރަށުގައިވެސް ވަރަށް ފޯރިއާއެކު ކުޅިވަރުތައް ކުޅެވެމުން ދާކަމަށް ފާހަގަކުރެއްވިއެވެ.
އަންނަ އަހަރު ބައިނަލްއަގްވާމީ ގޭމްސް އެއް ހޯސްޓްކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ. ވަސީލަތްތައް ގާއިމުކުރުމުގެ ދުވެލި ހަލުވިކުރައްވާ އެސޯސިއޭޝަންތަކާއި ގުޅިގެން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
މިއަހަރު ނިންމާލާއިރު ރާއްޖޭގައި މިހާރު ކުރިއަށްދާ ވިމެންސް ކާވާ ކަޕާއި، 19 އަހަރުން ދަށުގެ ސަރަހައްދީ ބާސްކެޓްބޯޅަ މުބާރާތްތަކާއި އައިޓީއެފް އައި އޭޓީއެފް ޓެނިސް މުބާރާތްތަކެއް ރާއްޖެއިން ވަނީ ހޯސްޓްކޮށް ބައިނަލް އަގްވާމީ އިތުބާރު ހޯދާފައެވެ. އަދި ރާއްޖޭގައި ބޭއްވި ކޮމަންވެލްތް ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއި ކުޅުދުއްފުށީގައި ވަނީ ބާއްވާފައެވެ.
އަންނަ އަހަރުވެގެންދާނީ ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަށް މަގުފަހުކުރުމަށް ކުރެވޭ މަސައްކަތުގައި މުހިންމު އަހަރަށެވެ. ނޭޝަނަލް ސާފިން ސްޓޭޑިއަމާ ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމުކުރާ އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލާއި ޓެނިސް އެރީނާ އަދި ހުޅުމާލެ ފޭސް އެކެއްގައި ގާއިމު ކުރާ ބައިނަލްއަގްވާމީ ފެންވަރުގެ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް ފަދަ މުހިންމު އެރީނާތައް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ނައިބުރައީސް ވިދާޅުވީ ބޮޑެތި މުބާރާތްތައް ރާއްޖޭގައި ހޯސްޓްކޮށް އެކަމަށް ކުރެވޭ މަސައްކަތުގެ ފޮނި ކާމިޔާބީ ފެނިގެންދާނެ ކަމަށެވެ.