ކުޅިވަރު

ޖަލުގައި އުޅުނު ނަރުސް އަރައި ޔުގެންޑާ އަށް ގޯލު ޖަހައިދީފި


ޓިއުނީޝިޔާ އަތުން ޔޫގެންޑާވީ ބައްޔެވެ. 3-1އިންނެވެ. މިހެންވެ ކުރިން ވެސް ހީކުރެވުނު ގޮތަށް އެންމެން ވެސް ދެއްކީ ޓިއުނީޝިޔާގެ މޮޅު ވާހަކަ އެވެ. ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ޔޫގެންޑާގެ ވާހަކަ ދައްކާނެ މާގިނަ ބަޔަކު ނުވި އެވެ.

އެކަމަކު މެޗަށް އެއް ދުވަސްފަހުން ތިލަވީ ޝައުގުވެރިކުރުވި ވާހަކަ އެކެވެ. ޓިއުނީޝިޔާ ކޮޅަށް ގޯލު ޖެހި ޔޫގެންޑާގެ ފޯވަޑް ޑެނިސް އޮމެޑީގެ ވާހަކަ އެވެ. އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ އަކީ ޖަލު ބަލަހައްޓަން އުޅުނު ނަރުހެކެވެ.

އޭނާ ގްރެޖުއޭޓްވީ 2019 ވަނަ އަހަރު އެވެ. މަސައްކަތް ކުރަން ޖެހުނީ ޔުގެންޑާގެ ޖަލުގަ އެވެ. މިހެންވެ ފުޓްބޯޅަ އަށް ދޭން ޖެހޭ ސަމާލުކަން އެންމެ ފުރިހަމަ އަށް ދެވޭ ގޮތެއްނުވި އެވެ. އެކަމަކު ވަޒީފާ އަށް ހަ އަހަރު ފަހުން ގައުމީ ޖާޒީގައި އައިސް އޭނާ ވަނީ އެފްރިކާ ކަޕުގައި ގައުމީ ޓީމަށް ގޯލު ޖަހައިދީފަ އެވެ.

"މިއީ އަހަރެން އަބަދުވެސް އުއްމީދުކޮށްގެން ހުރި ކަމެއް. އަހަރެންގެ ވަޒީފާގެ ސަބަބުން ފުޓްބޯޅަ ކުޅެން ވަގުތު ހުސްކުރަން ވަރަށް ބޮޑެތި ގުރުބާނީތަކެއް ވާން ޖެހުނު. މިއަދު ގޯލު ޖެހުމުން އަހަރެން މިހުރީ ވަރަށް އުފަލުން،" އޮމެޑީ ބުންޏެވެ.

މޮޅު ފުޓްބޯޅަ ކުޅުންތެރިން އާއްމުކޮށް ގައުމީ ޓީމާ ހަމައަށް ދަތުރު ކުރަނީ ފުޓްބޯޅަ އެކަޑަމީތަކުންނެވެ. އެއަށްފަހު ކުލަބުތަކުގެ ތެރެއިންނެވެ. ނަމަވެސް ޖަލުގެ ވާޑްގައި ބުރަކޮށް މަސައްކަތް ކުރަން ޖެހުމުން އޮމެޑީގެ ފުޓްބޯޅަ ހަޔާތް އޮތީ ވީކެންޑްތަކުގައި ތާށިވެފަ އެވެ. އެ ނޫނީ ކުޅެން ވެސް ފުރުސަތެއް ނުލިބެ އެވެ. އޭނާ ބުނާ ގޮތުން ވަރަށް ގިނަ ފަހަރު ފުޓްބޯޅަ ކެރިއަރު އެއްކޮށް ހުއްޓިދާނެހެން ހީވި އެތައް ފަހަރަކާ ކުރިމަތިލާން ޖެހި ހިތްދަތިވާނެ ގޮތްވި އެވެ. އެކު ކުލަބުތަކަށް ކުޅެން ލިބުނު ފުރުސަތުތައް ދޫކޮށްލަން ޖެހުނެވެ.

ނަމަވެސް ހިތްވަރު އެލުވާނުލައި އޮމެޑީ ގެންދިޔައީ ގަވާއިދުން ވީކެންޑްގައި އޭނާގެ ކުލަބު ފުޓްބޯޅަ ކުރިއަށް ގެންދަމުންނެވެ. ޔޫގެންޑާގެ ޕްރެމިއާ ލީގުގައި 2023 ވަނަ އަހަރު އޭނާ އަކީ ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ޖުމުލަ 15 ގޯލާއެކު އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ރުވާންޑާގެ ކުލަބު އޭރާސީން އޭނާގެ ސޮއި ހޯދި އެވެ. އެކަމަކު މި ޓްރާންސްފާގައި ހުއްޓުން އެރި އެވެ. ގަވާއިދުން މެޗުތައް ކުޅެން އޭނާ އަށް ދަތިތަކެއް ކުރިމަތިވި އެވެ. 2023 ވަނަ އަހަރު އޭނާ ޖެހި ގޯލެއް ފީފާ ޕުސްކާސް އެވޯޑަށް ވާދަކުރާ ގަދަ 10ގައި ވެސް ހިމެނުނެވެ.

މިކަމާ ބެހޭ ގޮތުން އޭރު އޮމެޑީ ބުނީ އޭނާ ޖެހި ގޯލު ފީފާ އެވޯޑަށް ވާދަކުރުމުގެ މާނަ އަކީ ފީފާއިން ވަކި ނަސްލަކަށް ނުބަލާކަން ކަމަށާއި ފުޓްބޯޅަ އަކީ ވަލި ކުލައަކުން އައިސްފައި އެއްޗެއްނޫން ކަމަށެވެ.

އޮމެޑީ ވަނީ މިހާތަނަށް ގައުމީ ޓީމަށް 10 މެޗު ކުޅެފަ އެވެ. އިއްޔެ ރޭ އޭނާ ޖެހި ގޯލަކީ ގައުމީ ޓީމަށް ޖަހައިދިން ތިން ވަނަ ގޯލެވެ. މި ގޯލާއި މި މެޗުގެ ހާއްސަކަން ބޮޑުވީ އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތަކީ ގައުމީ ޖާޒީގައި އޭނާގެ ފުރަތަމަ ބޮޑު މުބާރާތަށްވީތީ އެވެ. މި ގޯލާއެކު އޮމެޑީގެ ވާހަކަ މީޑިއާތަކުގެ ސުރުހީތައް ހިފާލުމުން މީގެ ކްރެޑިޓް ނަގާ މީހުން ވެސް މަދެއްނުވި އެވެ. އޭގެ ތެރޭގައި ޔުގެންޑާގެ ސަރުކާރުގެ ބައެއް އިދާރާތަކާއި އޭނާ މަސައްކަތް ކުރާ ޖަލު ވެސް ހިމެނެ އެވެ. މިއީ މުވައްޒަފުން ވަޒީފާގެ ވަގުތަށް ފަހު ޕްރޮފެޝަނަލް ކުޅިވަރުތަކުގައި ވާދަކުރުން މަނާ ނުކުރާތީވެ ލިބުނު ކާމިޔާބީއެއް ކަމަށް ވެސް ދަނީ ވާހަކަ ދެކެވެމުންނެވެ.

ކޮންމެ ގޮތަކަށް މާޒީ އޮތަސް ޔަގީންވަނީ އެއް ކަމެކެވެ. ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި ގައުމީ ޓީމުން ފުރުސަތު ހޯދައި އެފްރިކާ ކަޕުގައި ކުޅުމަކީ ކެރުމާއި، ހިތްވަރާއި ދޫދިނުމެއްނެތި މަސައްކަތް ކޮށްފިނަމަ ޓާގެޓް ހާސިލްވާނެ ކަމުގެ ސާފު މިސާލެކެވެ. ފަހުން ނަމަވެސް ހުވަފެންތަކުގައި ކުލަ ޖެހޭނެ ކަމެވެ. ނަރުހެއްގެ ގޮތުގައި ނޯޓު ނަގަމުން، ޖަލުގެ ތޭރިތަކުގެ ތެރެއިން އޮމެޑީ ދެކެމުން އައި ހުވަފެންތައް ކުލަވެ، މިހާރު އޭނާ އެ ވަނީ ފިޔަ ޖަހައިގަންނަން ތައްޔާރުވެފަ އެވެ.