ޚަބަރު

ފުލް ޓައިމް ވަޒީފާ އަދާކުރަމުން ޕީއެޗްޑީއަށް ނުކިޔެވޭ ގޮތަށް ނިންމައިފި


  • ފުލް ޓައިމްގެ ގޮތުގައި ބެލެވޭނީ މަދުވެގެން 3 އަހަރު ދުވަހުގެ މުއްދަތެއް

ވަޒީފާ އަށް ދަމުން ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތައް ފުލްޓައިމްކޮށް ކުރިއަށް ގެންދިއުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

މްކިއުއޭއިން ވިދާޅުވީ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމަކީ 360 ކްރެޑިޓް ހަމަވާންޖެހޭ ޕްރޮގްރާމެއް ކަމަށާއި އެއީ ގިނަ އަދަދަދެއްގެ ދިރާސާތައް އެކުލެވޭ ޕްރޮގްރާމެއް ކަމަށެވެ. އެހެންކަމުން އެ ޕްރޮގްރާމުގައި އެންމެ މަދުވެގެން ފުލްޓައިމްކޮށް، ތިން އަހަރު ދުވަހުގެ ތެރޭގައި 3،600 ގަޑިއިރު ފުރިހަމަކުރަންޖެހޭކަމަށާއި ވަޒީފާ އަދާކުރަމުން ފުލްޓައިމްކޮށް މި ޕްރޮގްރާމުގައި ކިޔެވުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށެވެ. އަދި ވަޒީފާ އަދާކުރާ ނަމަ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގައި ބައިވެރިވާން ޖެހޭނީ ޕާޓްޓައިމްކޮށެވެ. ނަމަވެސް ވަޒީފާއެއް އަދާނުކޮށް ހަމައެކަނި ކިޔެވުމަށް ހާއްސަވެގެން ތިބޭ މީހުންނަށް ފުލްޓައިމްކޮށް ކިޔެވިދާނެކަމަށް ގަބޫލުކުރެވޭކަމަށް އެމްކިއުއޭއިން ވިދާޅުވެއެވެ.

އެ އިދާރާއިން ވިދާޅުވީ ރާއްޖޭގައި މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ މުއްދަތާއި ޕްރޮގްރާމް ޑެލިވާ ކުރާ ގޮތާ ގުޅޭގޮތުން އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް އަދި ނެތްކަމަށެވެ. ނަމަވެސް ޑޮކްޓޯރަލް ޑިގްރީ ގަބޫލު ކުރުމާ ގުޅޭ މިންގަނޑެއް އެ އޮތޯރިޓީގެ "ރާއްޖެ އިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ކަމަށާއި ރާއްޖޭގެ ޕްރޮގްރާމްތަކަށް ވެސް އެ އުސޫލު ފައްތަން ނިންމާފައިވާކަމަށް އެމްކިއުއޭއިން ވިދާޅުވެއެވެ.

އެމްކިއުއޭއިން ވިދާޅުވީ ފުލް ޓައިމް މުއްދަތުކަމަށް ބަލާނީ، އެމްއެންކިއުއެފް ގައިވާ ގޮތަށް މަދުވެގެން ތިން އަހަރު ދުވަހުގެ މުއްދަތައްކަމަށެވެ. އަދި ޕާޓް ޓައިމް މުއްދަތުކަމަށް ބަލާނީ، މަދުވެގެން ފުލް ޓައިމް މުއްދަތު ދެ ގުނަ މުއްދަތަށެވެ. ނުވަތަ އެ ޕްރޮގްރާމް ހިންގާ މަރުކަޒުން ކަނޑައަޅާ ޕާޓް ޓާއިމް މުއްދަތަކަށް ވާން ވާނީ، ފުލް ޓައިމް މުއްދަތުގެ ދެ ގުނަ މުއްދަތަށް ވުރެ މަދު ނޫން މުއްދަތެކެވެ..