ސްކޭޓްބޯޑިން އެސޯސިއޭޝަން މޯލްޑިވްސް (އެސްބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 2025 އެންޑް ގޭމް ސްކޭޓްބޯޑިން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އެއްދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ހަރަކާތް ބާއްވާފަވަނީ ހުޅުމާލޭ ރެޑްބުލް ސްކޭޓް ޕާކުގައެވެ.
މި ހަރަކާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެސްބީއޭގެ ރައީސް ހުސައިން ފަޔާޒް ވިދާޅުވީ މި ހަރަކާތް ކުރިއަށް ގެންގޮސްފަވަނީ މުބާރާތަކަށްވުރެ ބޮޑަށް މި ކުޅިވަރަށް ކުދިން ހޭނުވުމަށް ކުރިއަށްގެންދިޔަ ހަރަކާތެއްގޮތަށްކަމަށެވެ. ސަބަބަކީ މި ހަރަކާތުގައި ވަރަށް ތުއްތުކުދިންވެސް ބައިވެރިވެފަވުމާއި ގުޅިގެން ބޮޑަށް އިސްކަންދީފަވާނީ ސްކޭޓްބޯޑިންގެ ގަވާއިދުތަކަށް ކުދިން އަހުލުވެރިކުރުވުމަށްކަމަށް އޭނާ ބުންޏެވެ.
"އަނެއްހެން ބޮޑަށް ކޮމްޕެޓިޝަނެއްގެ ގޮތުގައެއް ނޫން މި ގެންދިޔައީ. ވަރަށް ތުއްތުކުދިން ބައިވެރިވާ ޕްރޮގްރާމެއްވީމަ ތަންކޮޅެއް ފްރެންޑްލީ އެންވަޔަރަމަންޓެއްގަ. ސްކޭޓްބޯޑިންގަ އެބަޖެހޭ ރޫލްސްއާއި އެއްޗިހި ކުދިންނަށް ދަސްކޮށްދޭން. އެހެންވީމަ ވަރަށް ރަނގަޅަށް މިގެންދެވުނީ" ފަޔާޒް ވިދާޅުވިއެވެ.
ފަޔާޒް ވިދާޅުވީ މިމުބާރާތް ސްކޫލް ބަންދާއި ދިމާވުމުން މިއަހަރު ބައިވެރިވި ކުދިންގެ އަދަދު ތަންކޮޅެއް މަދުކަމަށެވެ. އެހެންނަމަވެސް މުބާރާތުގެ އިވެންޓުތައް ދިޔައީ ވަރަށް ފުރިހަމައަށްކަމަށާއި ކުދިންގެ ހުނަރުތައް މިމުބާރާތުންވެސް ފާހަގަވެގެންދިޔަކަމަށް އޭނާ ވިދާޅުވިއެވެ.
"ހޮލިޑޭސްއާއި ދިމާކޮށްފަވީމަ އެކްސްޕެކްޓު ކުރި ވަރަށްވުރެ، މިދިޔަ ފަހަރަށްވުރެ މަދު. މިފަހަރު 32 ކުދިން މިބައިވެރިވީ. މިދިޔަ ފަހަރު 45 ވަރަކަށް ކުދިން ބައިވެރިވި" ފަޔާޒް މައުލޫމާތުދެއްވިއެވެ.
މިއީ އެސްބީއޭއިން މިއަހަރު ބޭއްވި ދެވަނަ ހަރަކާތެވެ. އެސޯސިއޭޝަނުން މިހާތަނަށް ބާއްވަމުން އަންނަނީ މިފަދަ ކުދިކުދި މުބާރާތްތައްކަމަށާއި އެހެންނަމަވެސް އުންމީދަކީ ވަރަށް ކައިރި މުސަތަގުބަލެއްގައި އެސްބީއޭއަށް ގައުމީ ހައިސިއްޔަތު ލިބި ބޮޑެތި މުބާރާތްތައް ބޭއްވުންކަމަށް ފަޔާޒް ހާމަކުރެއްވިއެވެ.
މިކުޅިވަރުގައިވެސް ވަރަށް ހުނަރުވެރި ޖޫނިއާ އެތުލީޓުން އެބަ ތިބިކަން ފާހަގަކުރައްވަމުން ފަޔާޒް ވިދާޅުވީ ސީނިއާ އުމުރުފުރާގެ ކުދިން މި ކުޅިވަރުން ފެންނަ އަދަދު މަދުވަމުން އަންނަކަމަށެވެ.
"ކުދިންގެ ކޭޕެބިލިޓީ ވަރަށް ރަނގަޅު. 12 އަހަރުންދަށުގެ ފުދޭވަރަކަށް ކުދިން އެބައުޅޭ. 13 އަހަރުން މައްޗަށް ބަލާއިރު 18 އަހަރުންމަތީގެ ސްކޭޓަރުން ތަންކޮޅެއް މަދު" ފަޔާޒް ވިދާޅުވިއެވެ.
ގައުމީ ލެވެލްގައި ސްކޭޓްބޯޑިން މުބާރާތްތައް ބޭއްވުމަކީ އަމާޒެއްކަމަށް ވިދާޅުވަމުން ފަޔާޒް ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކުރުމަށް ވިސްނާނީ އެތެރޭގެ މުބާރާތްތައް ބޭއްވުމަށްފަހުކަމަށެވެ. އެހެންނަމަވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި އަމިއްލައަށް ކުދިން ވާދަކުރަން ބޭނުންނަމަ އެސޯސިއޭޝަނު އެފުރުސަތު ކުދިންނަށް ފަހިކޮށްދޭން މަސައްކަތްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެންޑް ގޭމް ސްކޭޓްބޯޑިން މުބާރާތް ކުރިއަށްދިޔައީ ހުކުރުދުވަހުގެ ހަވީރު 04:00 އިން 06:00 އަށެވެ. މިމުބާރާތުން ވަރަށް ތުއްތުކުދިންވެސް ފެނިފަވާއިރު މުބާރާތުގެ ބައިވެރިއެއްކަމަށްވާ ޒޯރާން ބިން އަހުމަދު ފާރިޝް ބުނީ މުބާރާތް ކުރިއަށްދިޔައީ ވަރަށް މަޖާކޮށްކަމަށެވެ. މިފަދަ މުބާރާތްތަކުގެ ސަބަބުން އޭނާއަށް ކޮންފިޑެންސް ލިބޭކަމަށާއި އަބަދުވެސް ހިތްވަރާއެކު މޮޅުވާން މަސައްކަތްކުރާނެކަމަށް 7 އަހަރުގެ ސްކޭޓަރު ބުންޏެވެ.
"ވަރަށް އުފާވޭ މިކަހަލަ މުބާރާތެއްގަ ދުއްވުނީމަ" ޒޯރާން ބުންޏެވެ.
އާޔާ ޢަބްދުއްނާފިޢުވެސް ބުނެފަވަނީ މުބާރާތުގައި ވާދަކޮށްލެވުނީމަ ވަރަށް އުފާވާކަމަށެވެ. މިކުޅިވަރަކީ ވަރަށް މަޖާ ކުޅިވަރެއްކަމަށާއި އޭނާ އެންމެ އުފާވަނީ ސްޓަންޓު ހެދޭތީކަމަށް ކުޑަކުޑަ އެތުލީޓު ބުނެފަވެއެވެ.
"ސްކޭޓްކުރާ ހިތްވަނީ ވަރަށް މަޖާވީމަ. ސްކޭޓް ކުރުން މަޖާވަނީ ގިނަ ތަންތަނަށް ގޮސްފަ ސްޓަންޓުތައް ހެދޭތީ. މިހާރު ވަރަށް ގިނަ ސްޓަންޓުތައް ހަދަން އިނގޭ" އާޔާ ބުންޏެވެ.
އާޔާއެކޭ އެއްގޮތަށް ތާރާ މޫސާ ވަހީދުވެސް ބުނެފަވަނީ މިއީ ވަރަށް މަޖާ ކުޅިވަރެއްކަމަށެވެ. އޭނާގެ އުންމީދަކީ ސްކޭޓްބޯޑު ދުއްވަން ވަރަށް މޮޅު ކުއްޖަކަށްވުންކަމަށް ތާރާ ބުންޏެވެ.
"މިއަދު ރަނގަޅު ދުވަހެއް. ސްކޭޓްބޯޑު ކުރަން ވަރަށް މަޖާ" ތާރާ ބުންޏެވެ.
މުބާރާތުން ވަނައެއް ހޯދި ސްކޭޓްބޯޑަރެއްކަމަށްވާ ލައިސް މުހަންމަދު ސަދީދް ބުނީ އޭނާ މުބާރާތުގައި ބައިވެރިވީ އެކުވެރިންނާއި އެކު މަޖާކޮށްލާ އެކުދިންނާއި އެކު ސްކޭޓްބޯޑު ދުއްވާލުމަށްކަމަށެވެ. މުބާރާތަށް މީގެ ތިން ހަފްތާވަރު ކުރިން ފަރިތަކުރުންތައް ފެށިކަމަށާއި މިއީ މުސްތަގުބަލު އޮތް ކުޅިވަރެއްކަމަށް ދެކޭކަމަށް އޭނާ ބުނެފަވެއެވެ.
"ގިނައިން މަޖާކޮށްލަން ބޭނުންވަނީ. ކުދިންނާއި އެއްކޮށް ދުއްވާލަން" ލައިސް ބުންޏެވެ.
މިމުބާރާތުގެ 13 އަހަރުންމަތީގެ އުމުރުފުރާއިން އެއްވަނަ ހޯދި ފާތިމަތު ޝައިހާ ބުނީ މިކުޅިވަރަށް ކުދިން ވަންނަ އަދަދު އިތުރުވަމުން އަންނަކަމަށެވެ. މިއީ އޭނާ ވަރަށް އުފާވާކަމެއްކަމަށާއި ވަކިން ހާއްސަކޮށް މިހަރަކާތުން އެއްވަނަ ލިބުމުން އެކަމާއިމެދު ވަރަށް ހިތްހަމަޖެހިއްޖެކަމަށް އޭނާ ބުންޏެވެ.
"ވަރަށް ރަނގަޅު. އިޓްސް އެކްސްޕޭންޑިން. އެކްސައިޓިން. ވަރަށް އުފާވެއްޖެ. ވަރަށް މަޖާ" ޝައިހާ ބުންޏެވެ.
އެސްބީއޭއިން އިންތިޒާމުކޮށްގެން ބޭއްވި އެންޑް ގޭމް ސްކޭޓްބޯޑިން މުބާރާތް ކުރިއަށްދިޔައީ 12 އަހަރުންދަށުގެ އުމުރުފުރާގެ އިތުރުން 13 އަހަރުންމަތީގެ އުމުރުފުރާ ހިމަނައިގެން އަންހެން އަދި ފިރިހެން ކެޓަގަރީ ހިމެނޭގޮތަށެވެ. މުބާރާތް ނިންމުމަށްފަހު ވަނަވަނައަށް ދިޔަކުދިންނަށް ޓްރޮފީއާއި ހަނދާނީ ލިއުންވަނީ ހަވާލުކޮށްފައެވެ.