ޚަބަރު

ފޭސް 2ގައި ފޮތް ކިޔުމަށް ހާއްސަކޮށް "ރީޑިންގ ނުކް"


  • މިތަން ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:30 އިން ރޭގަނޑު 8:00އަށް

  • އެކި ކަހަލަ ފޮތްތައް ލިބެން ހުންނާނެ

ހުޅުމާލޭ ފޭސް 2 ގައި ފޮތް ކިޔުމަށް ހާއްސަކޮށް "ރީޑިންގ ނުކް" އެއް ގާއިމްކޮށް، މިއަދު އެތަން ހުޅުވައިފިއެވެ. މިތަން ގާއިމްކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކު ނުވަތަ ރުއްގަނޑު 3 ސަރަޙައްދުގައެވެ.

މިއީ ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކުން، އެ ސަރަހައްދުގައި ތިބެގެން ހިތްހަމަޖައްސާލައި ފޮތް ކިޔޭނެ މަގުފަހިކުރުމަށް ގާއިމްކުރި ތަނެއްކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އެގޮތުން ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށްވެސް އެކަށީގެންވާ، ދިވެހި އަދި އިނގިރޭސި ފޮތްތައް މި ނުކްއިން ލިބެން ހުންނާނެއެވެ.

އެޗްޑީސީން ވިދާޅުވީ އެތަނުން 1 އަހަރާއި 6 އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތަކާއި 6 އަހަރާއި 10 އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތައް، ޓީން ފިކްޝަން ފޮތްތައް، ދިވެހި ބަސް އުނގެނުމަށް ހާއްސަ ފޮތްތައް، އަދި ކެއްކުމާއި ލައިފްސްޓައިލްގެ އިތުރުން ދީނީ ފޮތްތައްވެސް ލިބެން ހުންނާނެކަމަށެވެ.
ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކުން ފޮތް ކިޔަން ބޭނުންނަމަ ނުކް އިން ފޮތް ނެގުމަށްފަހު، އެ ޕާކު ސަރަހައްދުގެ ކޮންމެ ހިސާބެއްގައިވެސް ފޮތް ކިޔަން ތިބެވޭނެއެވެ. ނަމަވެސް އެ ސަރަހައްދުން ދިޔުމުގެ ކުރިން ފޮތް އަނބުރާ ރައްދުކުރަންވާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ރީޑިންގ ނުކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:30 އިން ރޭގަނޑު 08:00 އަށެވެ. މިއީ، ފޮތް ކިޔުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް، އަދި ހުޅުމާލޭގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ކުރިއަށްގެންދެވުނު މުހިންމު ޕްރޮޖެކްޓެއްކަން އެޗްޑީސީން ފާހަގަކުރެއެވެ.