ބޮޑެތި ކުޅިވަރު މުބާރާތްތައް ފެންނަނީ ހަމައެކަނި މާލޭގައި ކަމަށާއި، އެހެންނަމަވެސް ބޭނުންވަނީ ރަނގަޅަށް އިންތިޒާމު ކޮށްގެން މުޅި ރާއްޖޭގައި މުބާރާތްތައް ބާއްވައިގެން ކުޅިވަރު ކުރިއަރައިގެން ދިޔުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ، ރަށްރަށުގައިވެސް ވަރަށް ފޯރީގައި ޤައުމީ ފެންވަރުގައި މުބާރާތްތައް ބާއްވަމުން އަންނަ ކަމަށެވެ.
”ނޭޝަނަލް ލެވެލްއެއްގައި މިހާރުވެސް އެބަކުޅޭ ރަށްތަކުގައި އެހެންނަމަވެސް މި ބޭނުންވަނީ، ރަނގަޅަށް އޮގަނައިޒް ކުރެވިގެން އިންތިޒާމު ކުރެވިގެން މިހާ ހިސާބަށް އެ ކުޅިވަރު ގެންނަން“ ނައިބު ރައީސް ވިދާޅުވިއެވެ.
ފުޓުބޯޅައަށް އިޝާރާތް ކުރައްވާ ނައިބު ރައީސް ވިދާޅުވީ، ފުޓުބޯޅަ މުބާރާތްތައްވެސް މުޅި ރާއްޖެއަށް ފަތުރާލަންޖެހޭ ކަމަށެވެ.
އެގޮތުން މިހާރު އެފްއޭއެމުން ކުރާ މަސައްކަތް ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ، މިހާރު ކުރިޔަށްދާ ޒޯން މުބާރާތެކޭ އެއްގޮތަށް އަންހެން ފުޓްބޯޅައިގައި އެފޯރި ރަށްރަށުގައި ހިފިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
”އެފްއޭއެމުން މިހާރު ބައްޓަން ކުރަމުން އަންނަ ގޮތަށް ރާއްޖޭގެ އެކިއެކި ޒޯންތަކުގައި މުބާރާތްތައް ކުޅެގެން މާލެ އަންނަ ކަހަލަ ފޯމިއުލާއެއްގައި، ފޯމޭޝަނެއްގައި މިއޮތީ. އެކަން ތަންފީޒު ކުރަމުންދާއިރު އަންހެން ފުޓްބޯޅައިގައިވެސް އިރާދުކުރެއްވިއްޔާ ހަމަ އެފޯރި ރަށްތަކުގައި ހިފިގެންދާނެ “ނައިބު ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހަމަހަމަކޮށް ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދީ ހުރިހާ މުބާރާތެއްވެސް އަތޮޅު ތެރެއަށް ގެންގޮސް ހަމައެކަނި މާލޭގައި ކުޅޭ ކުޅުން ބަދަލު ކުރުމަށެވެ.
މީގެ ކުރިން ދިވެހި ޕްރިމިއާ ލީގަކީ، ހަމައެކަނި މާލޭގެ ކުލަބުތަކަށް ބައިވެރިވެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް، އަތޮޅު ފުޓްބޯޅަ މުބާރާތްތަކުން ފުރޭނިގެން އައިސް ޒޯން ލީގު ކުޅުމަށްފަހު މުބާރާތް ކާމިޔާބު ކުރާ ޓީމާއި، ރަނަރަޕް ޓީމަށް މިހާރު ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓު ވެވޭ ގޮތަށް އެފްއޭއެމުން ވަނީ އުސޫލު ބަދަލުކޮށްފައެވެ. އެހެންކަމުން އަންނަ އަހަރު ދިވެހި ލީގު ފެށިގެންދާނީ، ޒޯން މުބާރާތުން ހޮވޭ ދެ ޓީމާއެކުގައެވެ.