ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ތައިލޭންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ގައުމީ ފިރިހެން ފުޓްސަލް ޓީމު އަންނަ ހަފްތާގައި ޗައިނާއަށް ފުރަން ހަމަޖެހިއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެފްއޭއެމުގެ ޖެނެރަލް ސެކެއްޓްރީ ވިދާޅުވީ ފުޓްސަލް ޓީމު، މުބާރާތުގެ ކުރިން ޗައިނާގައި ކޭމްޕްކުރުމަށް ފުރާނީ ޖެނުއަރީ 30 ގައި ކަމަށާއި، 17 ކުޅުންތެރިން މި ކޭމްޕަށް ދާނެ ކަމަށެވެ.
ޗައިނާގައި އިންޑޯއަށް ފަރިތަވުމަށް ކުޅުންތެރިން ހަދާ ތަމްރީނުތަކަށް ފަހު 14 އަށް ސްކޮޑު ކުޑަކުރާނެ ކަމަށާއި އެ ކުޅުންތެރިން ޗައިނާއިން މާލެ ނައިސް ސީދާ ދަތުރުކުރާނީ ތައިލޭންޑަށް ކަމަށްވެސް އެފްއޭއެމުން ބުންޏެވެ.
ޖެނުއަރީ 14-26 އަށް ތައިލޭންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 އަށް ތައްޔާރުކުރާ ގައުމީ ޓީމުގެ ފަރިތަކުރުންތައް ބޮޑަށް ކުރިޔަށް ގެންދަނީ އިންޑޯއަށް ވިސްނައިގެން ކަމަށް ގައުމީ ފުޓްސަލް ޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު ނިޔާޒް މީގެ ކުރިން ވަނީ ބުނެފައެވެ.
މި މުބާރާތަށް ރާއްޖޭގެ ފުޓްސަލް ޓީމު ތައްޔާރުކުރުމަށް ހެޑް ކޯޗަކަށް އެފްއޭއެމް އިން ހަމަޖައްސާފައިވަނީ އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗު ފާރޫކް ޒަކިރޯވްއެވެ.
ތައިލޭންޑްގައި ބާއްވާ މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ޕާކިސްތާނާއި ދެކޮޅަށް ނިކުންނާނީ 14 ޖެނުއަރީގައެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިޔަށް ގެންދާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 14-26 ޖެނުއަރީއަށް ބެންކޮކްގެ ނޮންތްބުރި ސްޓޭޑިއަމްގައެވެ.
ރާއްޖޭގެ ދެވަނަ މެޗު އޮންނާނީ 16 ޖެނުއަރީގައި ބަނގްލަދޭޝް އާއި ދެކޮޅަށެވެ. މި މެޗަށްފަހު ދެން ރާއްޖޭގެ ފިރިހެން ޓީމު ނިކުންނާނީ 20 ޖެނުއަރީގައި އިންޑިއާ އާއި ދެކޮޅަށެވެ. އަދި 22 ގައި ނޭޕާލްއާއި ދެކޮޅަށް ކުޅެން ޖެހޭއިރު 24ގައި ރާއްޖެ ނިކުންނާނީ ބޫޓާން އާއި ދެކޮޅަށެވެ. ފަހު މެޗުގައި ނިކުންނާނީ 26 ޖެނުއަރީގައި އަވައްޓެރި ސްރީލަންކާ އާއި ދެކޮޅަށެވެ.
ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން އެންމެ ފަހުން ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރީ ސެޕްޓެމްބަރު 2025 ގައި މިޔަންމާގައި އޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައެވެ. އެ މުބާރާތުގައި ރާއްޖެއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެހެންނަމަވެސް މިފަހަރު ރާއްޖޭން ރަނގަޅު ހިސާބަކަށް ދާނެކަމުގެ އުންމީދު އެބައޮތްކަމަށް ކޯޗު ވަނީ ފާހަގަކޮށްފައެވެ.
މަހަކަށްވުރެ ގިނަ ދުވަހުގެ ތަމްރީނުތައް ހުޅުމާލޭ ރެހެންދި ޓާފްގައި ބޭއްވުމަށްފަހު ޗައިނާގައި ކުރިޔަށްދާ ޓްރޭނިންތަކުގެތެރެއިން ޓީމު ވަރަށް ރަނގަޅަށް މުބާރާތަށް ތައްޔާރުކުރެވޭނެ ކަމަށް ކޯޗު ވަނީ ބުނެފައެވެ.