ޚަބަރު

ޣައިރު ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ ބަލަން ދިރާސާއެއް ނުކުރަން: އެޗްއާރްސީއެމް


  • ކޮމިޝަންގެ މަސައްކަތްތައް ބިނާކޮށް ހިނގަމުންދާނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކަމަށް ވިދާޅުވި

  • ކޮމިޝަންގެ މަސައްކަތްތައް ހިންގަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް ކަމަށް ވިދާޅުވި

ޣައިރު ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ ސުވާލު އުފައްދައި އެއްވެސް ދިރާސާއެއް ކޮށްފައި ނުވާނެކަމަށާއި ކޮމިޝަނާ މެދު އެފަދަ ތުޚުމަތުތަކެއްކޮށް ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް އެޗްއާރްސީއެމްއިން ވިދާޅުވެއްޖެއެވެ.

އެޗްއާރްސީއެމްއިން މިފަދައިން ވިދާޅުވީ އެ ކޮމިޝަނާ ގުޅޭގޮތުން މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ނޫސް ބަޔާނުގައެވެ.

އެޗްއާރްސީއެމްއިން ވިދާޅުވީ އެ ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވާ އެއްވެސް ދިރާސާއެއްގައި އިސްލާމްދީން ނޫން އެހެން ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ އަހާފައި ނުވާނެކަމަށެވެ. އަދި އެ ކޮމިޝަންގެ މަސައްކަތްތައް ބިނާކުރެވި ހިނގަމުންދާނީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއ،ި ދިވެހިރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދިވެހި ދައުލަތުން އެއްބަސްވެ ޤަރާރުވެފައިވާ މުއާހަދާތަކާއެއްގޮތްވާގޮތުގެ މަތީންކަމަށެވެ. މިގޮތުން އެފަދަ ހާލަތާއި ޚިލާފުވާ އެއްވެސް ކަމެއް ހުއްދަ ކުރުމަށް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ލިބޭނެ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވާނެކަމަށްވެސް އެ ބަޔާނުގައި ވިދާޅުވިއެވެ.

އެޗްއާރްސީއެމްއިން ވަނީ އެ ކޮމިޝަނުގެ މަސައްކަތްތައް އަބަދުވެސް ހިންގަމުން ގެންދާނީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއ،ި ޤާނޫނުތަކާއ،ި ދިވެހިރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދިވެހި ދައުލަތުން އެއްބަސްވެ ޤަރާރުވެފައިވާ މުޢާ ހަދާތަކުގެ އިމުގެ ތެރޭގައިކަމަށް ވިދާޅުވެފައެވެ. އަދި ހުރިހައި ވަގުތަކު ހުރިހައި ކަމެއްގައިވެސް އިސް ކުރާނީ އިސްލާމީ ޝަރީޢަތާއި އިސްލާމް ދީނުގެ ހަމަތަކާއި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ މަސްލަޙަތުތައްކަމުގެ ޔަޤީންކަން އެ ކޮމިޝަނުން ދެއްވިއެވެ.